Last Updated: July 16, 13:04
Thursday, July 16, 2026
ކުޅިވަރު

ފުރަތަމަ ލެގުގައި ބާސާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އިން 1-0 އިން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗަށް ބާސާ އިން ނިކުތީ އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނާ ނުލަ އެވެ. އެގޮތުން އަނިޔާގެ ސަބަބުން މި މެޗުގައި ބާސާގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އާއި ޒުވާން މިޑްފީލްޑަރު ޕެޑްރީ އަދި ޑިފެންޑަރު އަންްރޭސް ކްރިސްޓެންސަން ކުޅެފައެއް ނުވެ އެވެ.

ރެއާލް ކޮޅަށް ބާސެލޯނާ އިން ރޭގެ މެޗުގައި ޖެހި ހަަމައެކަނި ގޯލަކީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު އެޑާ މިިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާގެ ފްރޭންކް ކެސިއޭ ރެއާލްގެ އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ދިފާއުކުރި ނަމަވެސް މިލިޓާއޯ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ލީޑު ފުޅާކޮށްލަން މެޗުގެ 74 ވަނަ މިނިޓްގައި ބާސާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ކެސިއޭ ޖެހި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރެއާލްގެ ގޯލު ކުރިމަތީ ހުރި ބާސެލޯނާގެ ފޯވާޑް އަންސޫ ފާޓީ އެވެ. އެގޮތުން ކެސިއޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އަންސޫގެ ފައިގަ އެވެ.

ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް ބާސާގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެ އެވެ.

ބާސާ އާއި ރެއާލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.