ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ނޫރުލްއިސްލާމުން ޚާއްޞަ ރޯޑްޝޯވ ބާއްވަން ނިންމައިފިއެވެ.
"އެޗީވް ޔުއާ ގޯލް"ގެ ނަމުގައި ބާއްވށާ ރޯޑް ޝޯވް އޮންނާނީ ޖުލައި 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހިތަދޫ ސްކޫލް ކުރިމަތިން ބޮޑުމަގުގެ ތާރުގަނޑު ނިމޭ ހިސާބުގައި ކުރިން މޮނިޔުމަންޓް ބެހެއްޓިފައި ހުރި ދިމާލުގައެވެ.
ނޫރުލް އިސްލާމްގެ ރައީސް މުހައްމަދު އަނީލް ވިދާޅުވީ މި ރޯޑްޝޯވ ގައި ދީނީ ބައެއް ފޮތްތަކާއި ލީފްލެޓްތައް ހިލޭ ބެހުމާއި، ސްމާޓް ފޯނުތަކަށް ޤުރްއާން، ޙަދީޘް، ދުޢާ، ބަންގި ފަދަ އެޕްލިކޭޝަންތަކާއި ޤުރްއާން އޯޑިއޯ ހިލޭ އަޅައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި، ދީނީ ކައުންސެލިން ދިނުމާއި، ކުޑަކުދިންގެ ވީޑިއޯ މަދަހަ ޔޫއެސްބީތަކަށް އަޅައި ދިނުމާއި، ޖަމްޢިއްޔަތުއްސަލަފްގެ ބައެއް ދަރުސް ސީޑީތައް ވިއްކުމާއި، ޢިލްމުވެރިންގެ ސުވާލާއި ޖަވާބު ޕްރޮގްރާމެއް ކުރިއަށްދާނެކަމަށެވެ.
މި ރޯޑްޝޯވ ގައި ވޮލަންޓިއަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރަށް އައްޑޫގެ ގިނަ ދީނީ ޢިލްމުވެރިންތަކެއްވެސް މި ރޯޑްޝޯވ ގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ނޫރުލް އިސްލާމްއިން ބުނެއެވެ.
ރޯޑްޝޯވ ކުރިއަށް ދާނީ 12 ޖުލައި 2014 ވާ ހޮނިހިރު ދުވަހުގެ ހަވީރު ޢަޞްރު ނަމާދުގެ ފަހުން ފެށިގެން ހަވީރު 5:45 އާ ހަމައަށެވެ.
މި ރޯޑްޝޯވ ގައި ހިތަދޫގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެޖަމިއްޔާއިން އެދެއެވެ.
އެޖަމިއްޔާއިން ވަނީ މިދިޔަ އަހަރުވެސް މިފަދަ ރޯޑް ޝޯވްއެއް ބާއްވާފައެވެ.