Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އަކްޝޭގެ ފިލްމަކަށް އަނެއްކާ ވެސް ސޮނާކްޝީ

އަކްޝޭ ކުމާރާ އެކީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް އަކްޝޭގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ ދާދި ފަހުން ޝޫޓިން ފެށި އަކްޝޭ އާއި ޓައިގާ ޝްރޮފްގެ ކޮމެޑީ-އެކްޝަން ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. މި ފިލްމަކީ "ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" އަދި "ސުލްތާން" ފަދަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެއްޗެކެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އިން ފުރުސަތު ލިބުމާ ގުޅިގެން ސޮނާކްޝީ ބުނީ އަނެއްކާ ވެސް އަކްޝޭއާ އެކީ ފިލްމެއްގެ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ދެ މީހުން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ރައުޑީ ރާތޯޑް" އާއި "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އާއި "ޖޯކަރް" އާއި "މިޝަން މަންގަލް" އަދި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދުބާރާ" ހިމެނެ އެވެ.

"އަކްޝޭއާ އެކީ މަސައްކަތް ކުރުމަކީ އަބަދު ވެސް ވަރަށް ގަޔާވާ ކަމެއް. އަނެއްކާ މި ފަހަރު މުޅިން އަލަށް ޓައިގާއާ އެކީ މަސައްކަތްކުރަން ލިބުމާއި އަލީ ފަދަ ކުޅަދާނަ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި މި ހުރީ." މިދިޔަ އަހަރު ރިލީޒްކުރި "ޑަބަލް އެކްސްއެލް" ގެ ބަތަލާ ބުންޏެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ކާސްޓާ ސޮނާކްޝީ ގުޅުނު އިރު، މި ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ހިމެނޭކަމުގެ ވާހަކަތަކެއް ވެސް ދާދި ފަހުން ދެކެވިފައިވެ އެވެ. އެކަމަކު އެކަން ފިލްމުގެ ޓީމުން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގެ މުމްބާއީ ޝެޑިއުލް ނިންމާފައި ކާސްޓާއި ކްރޫ މިހާރު ތިބީ ސްކޮޓްލޭންޑްގަ އެވެ.