Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޖޭޕީ އާއި އެމްއާރްއެމުން ކޯލިޝަންގައި ބައިވެރިވާނެ

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކީ މިހާރު ވެސް ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމުން ވެސް ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެ ރަށަށް ވަޑައިގެން އެމްޑީޕީގެން ރޭ އެ ރަށުގެ ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް އޮތް ފޯމިއުލާ އަކީ ކޯލިޝަން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އެ މަނިކުފާނާ އެކު ވާދަކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އަށް ކޯލިޝަނަކާ ނުލައި އިންތިޚާބު ކާމިޔާބާކުރެވޭނެކަމަށް ވިދާޅު ވިޔަސް މިހާރު ނަޝީދު ވެސް ވިދާޅުވީ ކޯލިޝަން ހެދުމުގެ ވާހަކަ ކަމަށެވެ. އެހެންވެ ނަޝީދު ޖޭޕީއާ ކޯލިޝަން ހަދައިގެން އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ކޯލިޝަނާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް މިހާރު ދައްކަމުން އަންނަނީ ކޮންމެވެސް އެއް ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް ކަމަށެވެ.

‎ރައީސް ވިދާޅުވީ ކޯލިޝަނަކާ ނުލައި އިންތިހާބުގައި އެއް ބުރުން ކާމިޔާބެެއް ވެސް ނުކުރެވޭނެ އެވެ. އެހެންވެ ކޯލިޝަންގައި މިހާރު ތިއްބެވި ބޭފުޅުން ގޮތެއް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެމްއާރުއެމާއި ޖޭޕީން ވެސް އެމްޑީޕީއާ އެކީ ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކޯލިޝަންގައި މިވަގުތު ތިބި ހުރިހާ ޕާޓީތައް، އަދާލަތަށާއި، ޖުމްހޫރީ ޕާޓީއަށާއި އަދި އެމްއާރްއެމްއަށް އަޅުގަނޑު ވާނީ ދައުވަތު ދީފައި ކޯލިޝަން ހެދުމަށް،" ރައީސް ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ މިކަމުގެ ރަނގަޅު ނަތީޖާއެއް ތިބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.”

އެމްޑީޕީއާ ކޯލިޝަން ހެދުމާ މެދު އެމްއާރްއެމާއި ޖޭޕީގެ ތެރޭގައި ވެސް މިހާރު އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.

ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ކޯލިޝަން ހަދަން ނިންމާފައި އިރު، އަލަށް އެމްޑީއޭ ވެސް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.