އައްޑޫން ގޯއްޗަށް އެދި ފޯމް ހުށަހެޅި ޖުމްލަ މީހުންގެ އަދަދު 3500 އިން މައްޗަށް އަރާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުން އައްޑޫލައިވްއާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ ރޭގެ 8 ޖެހުމާއި ހަމައަށް، ޖުމްލަ 3532 ފަރާތެއް އައްޑޫގެ ހަތަރު އަވަށުން ހުޅުވާލި 1000 ގޯތި އަށް ކުރިމަތިލާފައިވެއެވެ. އައްޑޫއިން ގޯތިއަށް އެދުމަށް ހުޅުވާލާފައިވަނީ މީދޫ، ހުޅުދޫ، ފޭދޫ އަދި ހިތަދޫއިންނެވެ.
އައްޑޫއިން އެންމެ ގިނަ ގޯއްޗަށް ހުޅުވާލާފައިވަނީ ހިތަދޫ އަވަށުންނެވެ. ހިތަދޫ އަވަށުން 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މީގެ ތެރޭގައި އޭ ކެޓަގަރީގެ 450 ގޯތި އަދި ބީ ކެޓަގަރީގެ 50 ގޯތި ހިމެނެއެވެ. ހިތަދޫ އަވަށަށް ބަލާއިރު ބުރާސްފަތި ދުވަހު ރޭގަނޑު 8:00 ޖެހުމާއި ހަމައަށް އޭ ކެޓަގަރީން ޖުމަލް 1721 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި ބީ ކެޓަގަރީއަށް އެހައިތަނަށް 195 ފޯމު ވަނީ ހުށަހަޅާފައެވެ.
ހިތަދޫ އަވަށުން ގޯތިއަށް އެދުމަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މާރިޗު 5 ވާ އާދިއްތަ ދުވަހުގެ 13:00 އާއި ހަމައަށެވެ. އެހައި ހިސާބުން ކިއު ނަންބަރު ދިނުން ހުއްޓާލާނެއެވެ. ހިތަދޫ އަވަށަށް ފޯމު ހުށަހަޅާ މިންވަރު އިތުރުވުމުން މިހާރު ވަނީ މާދަމާވެސް 10:00 އިން 14:00 އަށް ފޯމު ބަލައިގަތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
މީގެ ތެރެއިން ހުޅުދޫ އަދި މީދޫއިން ކުރެ ކޮންމެ އަވަށަކުން 100 ގޯތި ދިނުމަށް ވަނީ އިއުލާން ކުރެވިފައެވެ. އެއީ އެރަށަކަށް ނިސްބަތްވާ ފަރާތްތަކަށް އޭ ކެޓަގަރީން 90 ގޯތި އަދި އައްޑޫއަށް ނިސްބަތްވާ މީހުންގެ ތެރެއިން އެރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަ ބީ ކެޓަގަރީ 10 ގޯތިއެވެ. ހުޅުދޫ އަދި މީދޫއިން ގޯއްޗަށް އެދުމުގެ އެންމެ ފަހުގެ ތަރީހަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ.

އެދުވަހުގެ ނިޔަލަށް ހުޅުދޫ އަވަށުން އޭ ކެޓަގަރީއަށް 226 ފަރާތެއް ފޯމު ލާފައިވާއިރު، ބީ ކެޓަގަރީއަށް 31 ފޯމު ވަނީ ހުށަހަޅާފައެވެ. މީދޫ އަވަށުން އޭ ކެޓަގަރީ 269 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީއަށް 32 ފޯމު ވަނީ ހުށަހަޅާފައެވެ.
ފޭދޫ އަވަށުން ހުޅުވާލާފައިވަނީ 300 ގޯތިއަށެވެ. އެއީ އޭ ކެޓަގަރީގެ 270 ގޯތި އަދި ބީ ކެޓަގަރީ 30 ގޯއްޗަށެވެ. މީގެ ތެރެއިން މިހާތަނަށް 879 ފަރާތުން އޭ ކެޓަގަރީއަށް ފޭދޫ އަވަށުން ލާފައިވާއިރު، ބީ ކެޓަގަރީއަށް 179 ފަރާތުން ފޯމު ލާފައިވެއެވެ. ފޭދޫ އަވަށަށް ވެސް ފޯމު ލުމުގެ އެންމެ ފަހުގެ ތާރީހަކީ 28 ފެބްރުއަރީއެވެ. ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ފޭދޫ އަވަށަށް ލާފައި ހުރި ހުރިހައި ފޯމެއް އެއްކޮށް އަދި ބަލައި ނުނިމޭތީ ފޯމު އިތުރުވުން އެކަށީގެންވެއެވެ.

އައްޑޫއިން ގިނަ ދުވަސްތަކެއް ފަހުން ބަނޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން އެކަމަށް މިވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއީ އިތުރު ވަމުން އަންނަ އާބަދީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ތިބި މީހުން ގިނަ ކަން ދައްކުވައިދޭ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.