Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މިހާތަނަށް 350،000 ޓޫރިސްޓުން އަތުވެއްޖެ

ބޯޑަރ މައިލްސް ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަތުރުވެރިން . ފޮޓޯ: ބޯޑަރ މައިލްސް އެމްވީ

މިއަހަރު މިހާތަނަށް 350،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 177،914 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރު ފެބްރުއަރީ މަހަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 149،011 ފަތުވެރިންނެވެ. މިއާއެކު މިއަހަރު ފެބްރުއަރީ މަހު ދުވާލަކު އެވްރޭޖްކޮށް 6354 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 172،499 ފަތުރުވެރިންނެވެ. މިއާއެކު މިއަހަރު މިހާތަނަށް ޖުމްލަ 350،413 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރު މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ މާކެޓުންނެވެ. އެއީ 44748 ފަތުރުވެރިން މިހާތަނަށް އައިސްގެންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރު އެއްވަނަ ސޯސްމާކެޓުގެ ގޮތުގައި އޮތް އިންޑިއާއިންނެވެ. އެއީ 38,109 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ އެއަދަދު 1.8 މިލިއަނަށް އިތުރު ކުރުމެވެ.