މި މަހުގެ 12 ގައި ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސް ހަފުލާގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ބާއްވާ އެވޯޑް ހަފުލާގައި ދީޕިކާ ހިމެނެނީ އޮސްކާގެ އެވޯޑްތައް އިއުލާންކުރަން ސްޓޭޖަށް އަރާ ޕްރެޒެންޓަރުންގެ ތެރޭގަ އެވެ. އޮސްކާ އިންތިޒާމުކުރާ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއެސް) އިން ވަނީ އެވޯޑްތައް ޕްރެޒެންޓްކޮށްދޭން އަރާނެ ފަންނާނުންގެ ލިސްޓް ވެސް އާންމުކޮށް އެވެ.
ޖުމްލަ 16 ތަރިއަކު ހިމެނޭ ފުރަތަމަ ލިސްޓުން ދީޕިކާ އަށް ފުރުސަތު ލިބުނު އިރު އޭގެ ތެރޭގައި ވަރަށް މަޝްހޫރު ތަރިންތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ލިސްޓްގައި ޑްވޭން ޖޯންސަން (ރޮކް)، އެމިލީ ބްލަންޓް، ޖެނިފާ ކޮނެލީ، ބައިކަލް ބީ ޖޯޑަން، ސެމުއެލް އެލް ޖެކްސަން، ޒޯއީ ސަލްޑަމާ އަދި މެލީސާ މެކާތީ ފަދަ ތަރިން ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި އަހަރުގެ އޮސްކާގައި ދީޕިކާ ބައިވެރިވާ އިރު، އޭނަ ނިސްބަތްވާ ގައުމު އިންޑިއާގެ ފިލްމަކަށް އޮސްކާގެ ނޮމިނޭޝަނެއް ވެސް ލިބިފައިވާކަމެވެ. އެއީ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" އަށް ލިބުނު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ނޮމިނޭޝަނެވެ.
އެ ލަވަ އޮސްކާ ހަފުލާގައި ލައިވްކޮށް ހުށަހަޅަން ވެސް ފުރުސަތު ލިބިފައިވެ އެވެ.
އޮސްކާގައި ދީޕިކާ ބައިވެރިވާ އިރު، އޭނަ އަކީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އެއީ ވިން ޑީޒެލްއާ އެކީ ކުޅުނު 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އެވެ.
މި އަހަރުގެ އޮސްކާ އެވޯޑްގެ ހޯސްޓަކީ ކުރިން ވެސް އޮސްކާ ހުށަހަޅައި ދީފައިވާ ޖިމީ ކިމެލް އެވެ.