Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ ގެއަށް ވަދެގަތް ބަޔަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ގެއަށް ވަދެގަތް ފޭނުންތަކެއް ހައްޔަރުކޮށް ފުލުުހުންނާ ހަވާލުރުމާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.

އެންޑީ ޓީވީން ރިޕޯޓްކޮށްފައިވާ ބުރާސްފަތި ދުވަހުގެ ވަގުތައްގައި މުމްބާއީ ހުންނަ ޝާހްރުކްގެ ލަގްޒަރީ ގެ، މަންނަތު އަށް ދެ މީހަކު ވަދެގަތީ ގޭގެ ބިއްދޮށު ފަރާތު ފާރަކުން އަރައިގެންނެވެ. އަދި އެކަން އެނގުމާ އެކީ ގޭގެ ސެކިއުރިޓީން އެ ދެ މީހުން ހައްޔަރުކޮށް ފުލުހުންނަށް ގުޅައި އެ މީހުން ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ހައްޔަރުކުރި ދެ މީހުންނަކީ ޝާހްރުކް ބައްދަލުކުރަން ގުޖުރާތުން މުމްބާއީ އަށް ދިޔަ ދެ ފިރިހެނުން ކަމަށެވެ. އެއީ 20 އަހަރާއި 22 އަހަރުގެ މީހެކެވެ.

މީޑިއާތަކުން ބުނީ އެ ދެ މީހުން މަންނަތަށް ވަދެގަތް އިރު، ޝާހްރުކް ގޭގައި ނޫޅޭ ކަމަށާއި އޭނަ އުޅުނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ" ގެ ޝޫޓިންގައި ކަމަށެވެ. ޝާހްރުކަކީ އަބަދު ވެސް ގޭގެ ކައިރި އަށް ޖަމާވާ ފޭނުންނާ ބައްދަލުކުރާ ތަރިއެކެވެ. އެގޮތުން "މަންނަތު" ގެ ގޭޓާ ދިމާލުން މަތީގައި ފޭނުންނާ ބައްދަލުކުރަން ހާއްސަ ޕްލެޓްފޯމެއް ވެސް ހަދާފައިވެ އެވެ. އެ ތަނުގައި ހުރެގެން އޭނަ ފޭނުންނަށް އަތުން އިޝާރާތްކުރުން ފަދަ ކަންކަން ކުރެ އެވެ.

ޖެނުއަރީ މަހު ރިލީޒްކޮށް ބޮޑު ތަރުހީބެއް ހޯދި ފިލްމު "ޕަތާން" ގެ ބޮޑު ކާމިޔާބީއާ އެކީ ޝާހްރުކްގެ ވިދުން ކުރިއަށް ވުރެ ގަދަވެފައިވެ އެވެ. އަދި އޭނަގެ ގެއަށް ފޭނުންތަކެއް ވަދެގެންފައި ވަނީ ފިލްމީ ތަރިންތަކެއްގެ ގޭގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ މުމްބާއީ ފުލުހުންނަށް ބަޔަކު ގުޅައި، އިންޒާރު ދީފައި ވަނިކޮށެވެ. އެގޮތުން އަމީތާބް ބައްޗަނާއި ދަރުމެންދުރާ ގޭގައި ބިން ހަރުކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް އިންޒާރުގެ ކޯލްތަކެއް ލިބިފައިވެ އެވެ.