Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނާކާމިޔާބަކީ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--

ނާކާމިޔާބު ވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން މިފަދައިން ޓްވީޓްކުރައްވާފައިވަނީ އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ކޯޅުމާ ގުޅިގެންކަމަށް ގަބޫލުކުރެވެއެވެ.

އިމްރާންގެ ޓްވީޓްގައި ބުނެފައިވަނީ ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގުމުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

"ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫނެވެ." އިމްރާންގެ ޓްވީޓްގައިވެއެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާ މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި ސަން ސިޔާމްގެ އެމްޑީއޭއިންނެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ވަނީ އެޕާޓީގެ ކެނޑިޑޭޓެއް ވަކިން ރިޔާސީ އިންތިހާބުގައި ނިކުތުމަށް ފާސްކޮށްފައެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ލީޑަރު ޤާސިމާއެކު މަސައްކަތް ކުރައްވާކަމުގެ އަޑުތައްވެސް އަންނަނީ ފެތުރެމުންނެވެ.