ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ހިނދުކޮޅެއް" އަންނަ ހޯމަ ދުވަހު މީޑިއާ ނެޓްގެ އެމްއެސް ވީޑިއޯ ކުލަބްގައި ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ލޯބީގެ ފިލްމުގެ ޓްރެއިލާ ވެސް މިދިޔަ މަހުހެ ތެރޭގައި ދައްކާލާފައި އިރު، މިއީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ. "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދަން ޖެހެންދެން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "މާމުއި" އެވެ.
އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހިނދުކޮޅެއް" ލީޑް ތަރިންނަކީ ޑާކް ރެއިނުން މިދިޔަ މަހު އޮލިމްޕަސް ސިނަމާ އަށް ގެނައި "ބީވީމާ" ގެ ރޯލެއް ކުޅުނު އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) ވެސް ހިމެނެ އެވެ.
"ހިނދުކޮޅެއް" ޑިޖިޓަލް ޕްރީމިއާއަކަށް ދޫކޮށްލާ އިރު، ޑާކް ރެއިންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ" އާއި "ބަޅިނދު" ހިމެނެ އެވެ.