Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަސައްކަތުގެ ތައުލީމަށް ކުރާ އިހުތިރާމު ބޮޑުވާން ޖެހޭ

މަސައްކަތުގެ ތައުލީމަށް ކުރާ އިހުތިރާމު ބޮޑުވާންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިބްރާހިމް ހަސަން މިފަދައިން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަރޓިފިކޭޓް އެވަރޑީން ސަރމަނީ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ހާއްސަ ބައިވެރިއެއްކަމަށެވެ.

މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދެވޭންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި އެކަން ފުރިހަމައަށް ކުރެވޭނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިދިޔަ ހަފްތާގައި ރާއްޖޭގެ ސަރުކާރުގައި ހުރި ހަމައެކަނި ޓިވެޓްގެ ތައުލީމު ފޯރުކޮށްދޭ މުވައްސަސާ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަވެސް މިވަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑުތަނުން ބޮޑުކޮށްދެއްވާފައި. އެހެންވީމަ މީގެއިން މި ދައްކުވައިދެނީ މި ދާއިރާއަށް ސަރުކާރުންދޭ އިސްކަމާއި ސަމާލުކަން." މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ޑިގްރީފެންވަރަށް އެދާއިރާއިން ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.