Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެޗްޑީސީގެ ނަމުގައި ފޭކު މެސެޖުތަކެއް، ސަމާލުވޭ!

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އާންމުންނަށް ލިންކުތަކެއް ލިބެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ނަމުގައި ބައެއް ކަހަލަ ލިންކްތަކެއް ހިމެނޭ ގޮތަށް އާއްމުންނަށް މެސެޖުތަކެއް ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ މެސެޖެއް އެ ކުންފުނިން ނުފޮނުވާނެކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.

ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެ އެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެ އެވެ.

މިބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

"މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެ އެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެ އެވެ." ފުލުހުން ބުނެ އެވެ.