Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރާއްޖޭން ތުރުކީއަށް މަސް ދަޅު ފޮނުވަން ފަށައިފި

ދިވެހި ރާއްޖެއިން ތުރުކީއަށް ފޮނުވާ އެހީ ތުރުކީ އޮފިޝަލުންނާއި ހަވާލުކުރުމަށ ްވެލާނާ އެއާޕޯޓުގައި / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފަރާތުން ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ވުމުގެ ގޮތުން 5 ލައްކަ ދަޅުމަސް އެ ޤައުމަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ތުރުކީއަށް އައި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެފައިވާއިރު އެޤައުމުގެ ގިނަ ބައެއް ވަނީ ހާލުގައި ޖެހިފައެވެ. މި ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ނިންމާފައެވެ. މި ނިންމުމުގެ ދަށުން، އެޤައުމަށް 500،000 މަސް ދަޅު އެހީގެ ގޮތުގައި ފޮނުވުމުގެ މަސައްކަތް މިއަދު ވަނީ ފަށާއެވެ.

ރާއްޖޭގެ ފަރާތުން ވެލާނާ އެއާޕޯޓުގައި އެހީ ހަވާލުކޮށްދެއްވީ، ފޮރިން ސެކެރެޓަރީ އަހުމަދު ލަތީފްއެވެ. މިއެހީއާއި ތުރުކީގެ ފަރާތުން ހަވާލުވީ، ރާއްޖޭގައި ހުންނަ އެ ޤައުމުގެ އޮނަރަރީ ކޮންސިއުލޭޓުގެ އޮފިޝަލުންނެވެ.

މިއެހީ ތުރުކުރީ އަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ޓާކިޝް އެއާ މެދުވެރިކޮށް ފަސް ބެޗެއްގައެވެ. އެގޮތުން ފުރަތަމަ ބެޗު މިއަދު ފޮނުވާލާފައިވާއިރު މިމާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ބެޗެއް ފޮނުވާލެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ދިވެހި ރެޑް ކްރެސެންޓް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމީއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ވެސް ދަނީ ފައިސާ އަދި އެހެނިހެން ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ.

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 50،000 އަށް އަރާފައިވާ އިރު، ގިނަ މީހުން މަރުވީ ވެސް ތުރުކީންނެވެ. ބިންހެލުމުއި ތުރުކީން މަރުވި ގިނަ މީހުންނަކި އިމާރާތްތަކުގެ ތެރޭގައި ތާށިވެގެން މަރުވި މީހުންނެވެ. މި ހާދިސާ އަކީ މި ފަހުގެ ތާރީހެއްގައި އެ ދެ ގައުމަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާ އެވެ. ބިންހެލުންތަކާ ގުޅިގެން ތުރުކީ އާއި ސީރިއާ އިން ވެސް އެތައް ބައެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވެ އެވެ.