Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އޭއީއެޗްގެ ގޭޓުން ފެށިން ދޮރާ ހަމައަށް ހިޔާ ކުރަނީ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޯޕީޑީ އަދި އީއާރު ފަޅީގެ ވޯކްވޭއި އަދި ވެހިކަލް ޕާކިން ޒޯން ހިޔާ ކުރުމަށް ނިންމައި ހިޔާ ކުރާ ސަރަހައްދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

އޭއީއެޗްގެ އީއާރް އަދި އޯޕީޑީ ފަޅީގެ މަގާވި ގޭޓުން ފެށިގެން ހޮސްޕިޓަލުގެ ދެފަރާތު ދޮރާއި ހަމައަށް ހިޔާ ކުރަން ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އަދި މުވައްޒަފުންގެ ކާރު ޕާކިންގް އަދި ސައިކަލު ޕާކް ކުރާ ސަރަހައްދުވެސް ހިޔާ ކުރުމަށް އޭއީއެޗުން ވަނީ ނިންމާފައެވެ. މިގޮތުން މި ދެސަރަހައްދު ހިޔާ ކުރަން އެތަން ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ.

އޭއީއެޗްއިން ބުނީ މި ސަރަހައްދުތައް ހިޔާ ކުރަން ނިންމީ، ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ހޮސްޕިޓަލުގެ ގޭޓުން ފެށިގެން ދޮރާއި ހަމައަށް ހިންގަންޖެހޭ ރާސްތާގައި އެފަރާތްތަށް ވަރެއާއި އަވިން ސަލާމަތް ކުރުމުގެ މަޤްސަދުގައި ކަމަށެވެ. މީގެ އިތުރުން ޕާކިން ޒޯން ހިޔާ ކުރަނީ މުވައްޒަފުންގެ އުޅަނދުތައް ވާރެއާއި އަވިން ރައްކާ ކުރުމަށް އޭއީއެޗްއިން ބުނެއެވެ.

އޭއީއެޗްގެ ޚިދުމަތް ދޭން ފެށީސުއްރެވެސް އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ބޭނުން ކުރާ ވޯކްވޭއި އޮންނަނީ ހިޔާ ނުކޮށެވެ. ބަލި މީހާ ގޮވައިގެން އަންނަ އެހީތެރިއެއްވެސް އޯޕީޑީ ނުވަތަ އީއާރްފަޅިއަށް ބަލިމީހާ ބޭލުމަށް ފަހު އުޅަނދު ޕާކް ކުރަނީ ޕާކިން ޒޯނުގައި ކަމަށްވާއިރު އެ ސަރަހައްދުވެސް އޮންނަނީ އަވިދޭ ގޮތަށެވެ. މީގެ އިތުރުން ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރާ ފަރާތްތަކަށްވެސް ވޯކްވޭއި މިގޮތަށް އޮތުމުން ދަތިތަކާއި ކުރިމަތިވެއެވެ.