އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްގެ ފަހަތުގައި ވިއްދައިފި އެވެ.
އާސެނަލް އެއް ވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓާ އެކު އެވެ. މިރޭގެ މޮޅާ އެކު ސިޓީ ދެވަނައިގައި އޮތީ 26 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް މިރޭ އަމިއްލަ ދަނޑުގައި ބޯންމަތްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ފަސް ޕޮއިންޓުގެ ލީޑުދެމެހެއްޓޭނެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ސިޓީ އަށް މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ފޮޑެން މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ދެވަނަ ހާފްގައި ނިއުކާސަލް އިން ކުޅުން ރަނގަޅުކޮށް ދިޔައީ ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލަމުންނެވެ.
ނިއުކާސަލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 67 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. ސިލްވާ މި ގޯލު ކާމިޔާބު ކުރީ އާލިން ހާލަންޑް ދިން ޕާހަކުން ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މިއީ އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި ސިޓީން ނިއުކާސަލްގެ މައްޗަށް ޖެހިޖެހިގެން ހޯދި 14 ވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ. ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ.