މަސް ކިރުވާ އުޅަނދުތަކާއި އަދި މަސްވެރިންނަށް އައިސް ވިއްކާ ޕްލާންޓުތައް އޮޕަރޭޓް ކުރުމާއި ގުޅޭ ލައިސެންސް ދިނުމާއި ބެހޭ ޤަވާއިދެއް މިނިސްޓްރީ ފިޝަރީޒް މިނިސްޓްރީން އެކުލަވާލައި ގެޒެޓްކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ގެޒެޓް ކުރި މި ގަވާއިދަށް ކިޔާނީ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދެވެ. މި ޤަވާއިދުގެ މަޤުސަދަކީ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި، އެ ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ޤަވާއިދުގެ ދަށުން ތިން ބާވަތެއްގެ ހަރަކާތް ހިންގޭނީ އެކަމަށް ބޭނުންވާ ލައިސެންސް ފިޝަރީޒް މިނިސްޓްރީން ނަގައިގެންނެވެ. މިގޮތުން ޤަވާއިދުގެ ދަށުން މަސްކިރުވާ ބޯޓުތައް ނުވަތަ ކަލެކްޓަރ އުޅަނދުތަކާއި، އެކްސްޕޯޓް ކުރުމަށް ނުވަތަ އެއް ބަނދަރުން އަނެއް ބަނދަރަށް ގެންދިއުމަށް ބޭނުން ކުރާ ކެރިއަރ ނުވަތަ ރީފާ އުޅަނދާއި އަދި މަސްވެރިންނަށް އައިސް ވިއްކާ ޕްލާންޓް އޮޕަރޭޓް ކުރެވޭނީ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ލައިސެންސް އޮވެގެންނެވެ.
މި ޤަވާދުގެ ދަށުން ލައިސެންސް ދޭނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޤަވާއިދުގެ ދަށުން ލައިސެންސް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ޝަރުތު ހަމަވާ އުޅަނދުތަކަށެވެ. މީގެ އިތުރުން ޤަވާއިދުގެ ތެރެއިން، އުޅަނދުތަކުން މަސް ކިރުވާ މިންވަރު އަދި އައިސް ޕްލާންޓުން އައިސް ވިއްކާ މިންވަރު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރެކޯޑު ކުރެވި މިނިސްޓްރީއަށް ޤަވާއިދުން ރިޕޯޓު ކުރަން ޖެހެއެވެ. އުޅަނދުތަކަށް ލައިސެންސް ފީއެއްގެ ގޮތުގައި 3000ރ. ދައްކަން ޖެހޭއިރު އައިސް ޕްލާންޓު އޮޕަރޭޓް ކުރުމުގެ ލައިސެންސްއަށް ދޭން ޖެހެނީ 500ރ. އެވެ.

މި ޤަވާދުގެ ތެރެއިން ލައިސެންސް ނުނަގައި އޮޕަރޭޓް ކުރާނަމަ ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން މަސް ކިރުވާ އުޅަނދެއް ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، ކެރިއަރ ނުވަތަ ރީފަރ އުޅަނދެއް ނަމަ 20،000ރ. އިން ކުރެވޭނެއެވެ. އަދި އައިސް ޕްލާންޓެއް ލައިސެންސް ނެތި އޮޕަރޭޓް ކުރާނަމަ، 5000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުތް ތަކުރާރު ވެއްޖެނަމަ، ފުރަތަމަ ކުރި ޖޫރިމަނާގެ %50 ޖޫރިމަނާގެ އަދަދަށް އިތުރު ކުރެވޭނެއެވެ.
މީގެ އިތުރުން ލައިސެންސް ޝަރުތަކާއި ޙިލާފުވުމުން، ލައިސެންސް ވެރިފަރާތް އަދި އޮޕަރޭޓަރު ޖޫރިމަނާ ކުރެވޭ ހާލަތްތައް ވަނީ ޤަވާއިދުގައި ބަޔާންކޮށްފައެވެ.
މަސްވެރިކަމާއި ގުޅޭ ހަރަކާތްތައް ލައިސެންސްއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކަނޑައެޅި އިރު، މިކަމުގެ ސަބަބުން މަސް ކިރުވުމާއި މަސްވެރިންނަށް އައިސް ވިއްކުމާއި ބެހޭ ރެކޯޑުތައް އެއް ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.