Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އީދިގަލި ކިޅި ތަރައްޤީ ކުރަން ސަދަން މޯލްޑިވްސް އާއި ހަވާލުކޮށްފި

އީދިގަލި ކިޅި. ފޮޓޯ: ޝަރަފް

ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން އުފައްދާފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން ހިތަދޫ އީދިގަލި ކިޅިން އާމްދަނީ ހޯދަން އެތަން ތަރައްގީ ކުރުމަށް ހިތަދޫ ސަދަން މޯލްޑިވްސް ކޮންޓްރަކްޓިން ކޮމްޕެނީ އާއި މިއަދު ހަވާލުކޮށްފި އެވެ

އެންވަޔަރްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޒުހައިރެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރ ޠޯރިގް ވިދާޅުވީ ކިޅި ތަރައްޤީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް އެކުންފުނިން ފައްޓަވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގާތްގަޑަކަށް 7.2 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ ދަށުން އީދިގަލި ކިޅި ސަރަހައްދަށް ޖަމާވެފައިވާ ކުނިތައް ނެގުމާއި އެ ސަރަހައްދު ވަށައި ފެންސް ޖެހުމުގެ އިތުރުން އެ ސަރަހައްދު ބަލަހައްޓާ ރޭންޖާސް ތިބޭނެ ހަޓުތައް ހެދުމާއި ޕިކްނިކް ސަރަހައްދަށް ހެދުމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ސޮއި ކުރި އެއްބަސް ވުމުގައި ވާ ގޮތުން މި މަސައްކަތް އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމަން ޖެހެއެވެ.