Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ސްކައުޓްގެ އެންމެ މަތީ ޝަރަފެއް ފަޒްނާ އަށް

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އަރުވައިފި އެވެ.

ފަޒްނާ އަށް މިއެވޯޑު އަރުވާފައި ވަނީ، މިއަދު ކަސްޓަމްސް ބިލްޑިންގ، މީރުބަހުރު މާލަމުގައި ބޭއްވި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ ޢާންމު ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއެވޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް، އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދެއްވާފަ އެވެ.

މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މިޖަލްސާގައި، ކޮމިޝަނަރ ސެޓްފިކެޓާއި ޚިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤެވެ.

މިޖަލްސާގައި، 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ޙާސިލްކުރި 2 ފަރާތަކަށް ވަނީ އެވޯޑް ޙަވާލުކޮށްދެއްވާފަ އެވެ.

މިޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް އޮތެވެ.