ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އެޑިންސަން ކަވާނީ ހަދާފައިވާ ރެކޯޑް އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ މުގުރާލައިފި އެވެ.
ކަވާނީ ރެކޯޑް ހެދީ ޕީއެސްޖީ އަށް 200 ލަނޑު ޖަހައިދީގެންނެވެ. ފްރެންޗް ލީގުގައި ރޭ ނޭންޓްސް އަތުން ޕީއެސްޖީ 4-2 އިން މޮޅުވި މެޗުގައި އެމްބާޕޭ ޖެހި ގޯލާ އެކު އޭނާ ވަނީ 201 ގޯލު ހަމަކޮށްފަ އެވެ. އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ.
އެމްޕާބޭ ،24، ބުނީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ލިބުމަކީ ޝަރަފެއް ކަމަށާއި ޕީއެސްޖީ އަށް ކުޅުމަކީ ލިބޭ ހާއްސަ އުފަލެއް ކަމަށެވެ. އަދި ޕީއެސްޖީގައި ހުރެ ތާރީހީ ކަންތައްތަކެއް ކުރުމަކީ އަބަދުވެސް ކުރަން ބޭނުންވެފައި ހުރި ކަމެއް ކަމަށްވެސް އެމްބާޕޭ ބުންޏެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ އަނެއް ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ނޭންޓްސް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އާއި ޑެނީލޯ އެވެ. ނޭންޓްސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ބްލަސް އަދި ގަންގޯ އެވެ.
ރޭގެ މެޗުން މޮޅުވުމުން ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 25 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.