ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާންގެ އާ ފިލްމު "ގޭސްލައިޓް" މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ ސާރާ އާއި އޭނަގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް އެކީގައި ފެންނަން ވީޑިއޯއެއްގަ އެވެ. އޭގައި ޝަރުމީލާ ބުނީ މިދިޔަ މަހުގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި އޭނަގެ ފިލްމު "ގުލްމޯހަރް" އަށް ފަހު، ދެން އޮތީ މާމަދަރިފުޅު ސާރާގެ "ގޭސްލައިޓް" ކަމަށެވެ. އެހެންވެ އެ ފިލްމު ބަލަން ޝަރުމީލާ އެދިފައިވެ އެވެ.
"ގޭސްލައިޓް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މީގެ ކާސްޓްގައި ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކީ 2018 ގެ "ބާޒާރު" ގައި މަސައްކަތްކުރި ބަތަލާ ޗިތުރަންގަދާ ސިންގް އާއި ވިކްރާންތު މަސީ ވެސް ހިމެނެ އެވެ. "ގޭސްލައިޓް" ޑައިރެކްޓްކުރީ ސައިފް މުހިއްމު ރޯލެއް ކުޅުނު 2021 ގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އެވެ.
"ގޭސްލައިޓް" އަކީ ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރާ ސާރާގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "އަތުރަންގީ ރޭ" ވެސް ޑިސެމްބަރު މަހު ޕްރީމިއާކުރީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އަދި ސާރާގެ 2020 ގެ "ކޫލީ ނަމްބަރު 1" ގެނެސްދިނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.