Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހިތަދޫ ގޯއްޗަށް މިއަދު ސުންގަޑި ހަމަވާނެ

ހިތަދޫގެ މަގެއް: އެ އަވަށުން 500 ގޯއްޗަށް ހުޅުވާލި. ފޮޓޯ/ ސިޓީ އޮފް އައްޑޫ

އައްޑޫ ހިތަދޫން ދޫކުރަން ނިންމާފައިވާ ގޯއްޗަށް އެދި ހުށަހަޅަން ދިން ސުންގަޑި މިއަދު ހަމަވާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ އަވަށުން 1،500 އަކަފޫޓްގެ 500 ގޯތި ދޭން ނިންމައި އެ ގޯތިތަކަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މަހުގެ 5 ގަ އެވެ. އަދި ގޯއްޗަށް ކުރިމަތިލާން ދިން ސުންގަޑި މިއަދު މެންދުރު ފަހު 1:00 ހަމައަށް ހަމަވާނެ އެވެ.

ހިތަދޫން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން 50 ގޯތި ހާއްސަކޮށްފައި ވަނީ އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށެވެ.

ހިތަދޫން ދޫކުރަން ނިންމި ގޯއްޗަށް އެދި ފޯމު ހުށަހަޅާ މީހުންގެ އަދަދު ގިނަވުމާއި ޗެކްކުރަން ޖެހޭ ގިނަ މައުލޫމާތުތަކެއް ވެސް ހުރުމުން ފޯމް ބަލައިގަތުމުގައި ވަގުތު ނަގާނެތީ އާއި ފޯމުލާން ބޭނުންވާ ގިނަ ބަޔަކު ތިބުމުން އެ މީހުންނަށް އެކަން ފަސޭހަކޮށް ދިނުމުގެ ގޮތުން އިއްޔެ އަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް ހިތަދޫ އަވަށު އޮފީހުން އިއްޔެ ވެސް ފޯމް ބަލައިގަތުން ކުރިއަށް ގެންދިޔަ އެވެ.

ހިތަދޫގެ އިތުރުން އައްޑޫގެ އެހެން ތިން އަވަށަކުން ވެސް މިދިޔަ މަހުގެ ތެރޭގައި ގޯއްޗަށް ހުޅުވައިލި އެވެ. އެގޮތުން ފޭދޫން 1،500 އަކަފޫޓްގެ 300 ގޯއްޗަށް މިދިޔަ މަހުގެ 2-28 އާ ހަމައަށް ހުޅުވާލި އެވެ. އަދި އެ މުއްދަތަށް ހުޅުދު އާއި މީދޫން ޖުމްލަ 200 ގޯއްޗަށް ހުޅުވާލި އެވެ. އެއިން ކޮންމެ އަވަށަކުން 100 ގޯއްޗަށް ހުޅުވާލި އިރު، ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.