Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއުގައި ސޮއިކުރުން މެންދުރު ފަހު

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު މެންދުރު ފަހު ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މެންދުރު ފަހު 2:30 ގަ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓް އަދި ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކުރަން ނިންމީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ އެވެ. މިއީ އެ ގައުމުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ގަން އެއާޕޯޓަކީ މީގެ 80 އަހަރު ކުރިން ތަރައްގީކުރި އެއާޕޯޓެކެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެއާޕޯޓްގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ހިންގި މަޝްރޫއުގެ ތެރެއިން އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް، ރީސާފޭސްކޮށް އެންމެ ބޮޑެތި ބޯޓްތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށް ބޭނުންކުރަން ފެށީ 2016 ގަ އެވެ.