Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫން ހިއްކާ ބިމާ އެކީ ޓޫރިޒަމަށް ދިރުން ލިބޭނެ

އައްޑޫސިޓީގައި އަލަށް ހިއްކާ ސަރަހައްދާއެކު އެ ސިޓީގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ނިމުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އައްޑޫސިޓީގައި އަލަށް ހިއްކާ ފަސް ރަށާއި ހަންކެޑެގައި ރިސޯޓް ގާއިމުކުރެވުމުން އައްޑޫގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. އަދި އެކަން ވެގެންދާނީ އައްޑޫގައި ގެސްޓްހައުސް އެޅުމަށް ލިބޭ ހިތްވަރަކަށް ކަމަށާއި ރިސޯޓްކައިރީގައި ހުރެގެން ގެސްޓްހައުސްތައް ރަނގަޅަށް ހިންގޭނެ ކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅަށް ހިންގޭނީ އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ.

"އެއާޕޯޓް ތަރައްގީ ކުރުމާއެކު ބެޑް ކެޕޭސިޓީ އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަސް ރަށް ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަކީ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް އައްޑޫގައި ކުރިއަށްއެޅި މުހިންމު ފިޔަވަޅެއް." ޝަރީފްގެ ޓްވީޓްގައިވެއެވެ.

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ. އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާއެވެ. މިއީ އެ ގައުމުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެގޮތުން އެއާޕޯޓަށް 17 މިލިއަން ޑޮލަރު (28.5 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.