Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ދެން އަންނާނީ ފުދުންތެރިކަން ގެނެސްދޭ ސަރުކާރެއް

އެމްޑީޕީއާ އެކީ ކޯލިޝަން ހަދައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމާ އެކީ ދެން އަންނަ ސަރުކާރު ވާނީ ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަަށް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރުވެގެން ދާނީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ. އެމްޑީއޭ އަކީ މި ފަހަރު މުޅިން އަލަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމި ޕާޓީއެކެވެ.

އެ ޕާޓީން އެގޮތަށް ނިންމީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމު ވާދަކުރައްވާ ގޮތަށް ނިންމަވާފައި ވަނިކޮށް އެ ނިންމުން ބަދަލުކުރުމަށް ފަހު އެވެ. އެމްޑީއޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީން ވެސް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ވަނީ ނިންމައިފަ އެވެ. އެކަމަކު ކޯލިޝަންގައި މިހާރު ހިމެނޭ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ އެމްއާރްއެމާއި ގާސިމު އިބްރާހީމްގެ ޖުމްހޫރީ ޕާޓިން އަދި ރައީސް ސޯލިހަށް ތާއީދުކުރުމާއި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.