މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި އޭނަ ހުންނެވީ ސީދާ ރައްޔިތުންގެ ފިކުރުގައި ކަމަށް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ އެޓާނީ ޖެނެރަލް އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި މުނައްވަރު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.
މިކަމާ ބެހޭ ގޮތުން އޭނަ މިއަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެއްވެސް ޕާޓީއަކާ ނުގުޅި އަމިއްލަ ގޮތުން ކަމަށެވެ. އަދި ޕާޓީތަކުން ކޯލިޝަންތައް ހަދައިގެން އަމިއްލަ މަންފާ އާއި ފައިދާ ކުރިއަށް ނެރުމުގެ ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.
— Mohamed Munavvar (@MMunavvar) March 5, 2023
އައްޑޫ މީދު އަށް ނިސްބަތްވާ މުނައްވަރު ވިދާޅުވީ އިންތިހާބަށް ނުކުންނަވަން ނިންމެވީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ލީޑަރުން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުން ސަލާމަތް ކުރެއްވުމުގެ މަގުސަދުގަ އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭން މިހާތު ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ މަސައްކަތްތަކެއް ކަމަށާއި ސިޔާސީ ކަންކަމުން ދުރުވެ ރިޓަޔާކުރައްވަން ގަސްތުކުރައްވައިގެން ހުންނެވިޔަސް ގައުމު މިހާރު އޮތް ހާލަތަށް ދޫކޮށްލެވެން ޒަމީރު ގަބޫލު ނުކުރެއްވާ ކަަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހިގެން އުޅެވޭތޯ ބެލުން. އެކަމަކު މި އަޑު އިވެނީ ގައުމެއް ނެތޭ. މިނިވަންކަމެއް ނެތޭ، އިގްތިސާދީ ހާލަތު ގޯހޭ، ދަރަނި ކުޑަކުރާކަށް ނޫޅޭ. ފައިސާގެ އަގު ވެއްޓިދާނެއޭ،" މުނައްވަރު ވިދާޅުވި އެވެ. "މިނިވަންކަމާ އެކު މަގުމަތީގައި ހިނގާލެވޭކަށް ނެތޭ."
އޭނަ ވިދާޅުވީ އިންތިބާހަށް ނުކުންނަވަނީ ސީދާ ރައްޔިތުންގެ ފިކުރާ އެކީގައި ކަމަށެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަށް ވުރެ ރައްޔިތުންގެ ފިކުރު މާބޮޑު ކަމަށް ވިދާޅުވި ބއެވެ. އެހެންވެ ކޯލިޝަނަކާ ނުލައި ވެސް ރައްޔިތުންނާ އެކު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
"ވެރިކަމަށް ސިޔާސީ ލީޑަރުންގެ އޮތް ދަހިވެތިކަމަކީ ފިކުރެއް ނޫން. ރައްޔިތުން އެއީ ފިކުރު، އަޅުގަނޑު ނުކުންނަނީ އެ ފިކުރާ އެކު." މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވި އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ވާދަކުރެއްވި އިރު، މުނައްވަރު ހުންނެވީ ނަޝީދުގެ ފަހަތްޕުޅުގަ އެވެ.