މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ދަރިފުޅު ވިހޭ ފަހުން ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމަކީ މީގެ ތިން ވަރަކަށް ދުވަސް ކުރިން މަންޒަރުތައް ކަޝްމީރުގައި ނަގަމުން އަންނަ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ޝޫޓް ނުކުރެވި އޮތް ހަމައެކަނި ލަވަ އެވެ. ލަވައިގެ ޝޫޓިންގެ ތެރެއިން އާލިއާ އާއި ބަތަލު ރަންވީރު ސންގް ފެންނަ ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ލީކްވެފައިވެ އެވެ.
ވަރަށް ހިތްގައިމުކޮށް މަންޒަރުތައް ނަގާ މި ލޯބީގެ ލަވަ އަކީ ކަރަން، އޭނަ މެންޓޯއެއްގެ ގޮތުގައި އަބަދު ވެސް ބަލަމުން އައި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ލަވައެކެވެ. އެގޮތުން ޔާޝް ގެނެސްދިން ލޯބީގެ ފިލްމުތަކުގައި ގެނެސް ދީފައިވާ ކަހަލަ ވަރަށް ޗާލު ލަވައަކަށް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މި ލަވަ ވާނެ އެވެ.
ލަވައިގެ ޝޫޓިން ކަޝްމީރުގެ ސްނޯ އާއި ގަދަ ފިނީގެ ތެރޭގައި މިހާރު ނަގަމުން އަންނަ އިރު، ލަވައިގެ ޝޫޓްކުރުން ފަސްކުރީ އާލިއާ މިދިޔަ އަހަރު ބަލިވެއިނުމާ ގުޅިގެންނެވެ. އެކަމަކު ނޮވެމްބަރު މަހު ވިހެއުމަށް ފަހު، އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ވަނީ ފިލްމުގެ ޝޫޓިން ފެށި އިރު، ހުރި ބައްޓަމަށް ފިޓް ވެސް ވެފަ އެވެ.
މި އަހަރުގެ ޖުލައި 29 އަށް ތާވަލުކޮށްފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަންއާ އެކީ އާލިއާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އުމުރުން 29 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުތީ ކަރަން 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ، ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.