ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.