ބ. އަތޮޅު ފަރެހުގައި ތަރައްގީކުރަމުން އަންނަ ރިސޯޓް އަވާނީ ބްރޭންޑްގެ ރިސޯޓް އަންނަ މަހުގެ 1 ގައި ހުޅުވަން ނިންމައިފި އެވެ.
ހަތްދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން 12.4 ހެކްޓަރުގެ ރަށުގައި ހަދާ އެ އެ ރިސޯޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، އަވާނީ ފަރެސް އަކީ 176 ކޮޓަރީގެ ރިސޯޓެކެވެ. އެތަނުގައި ސްޓޫޑިއޯ، ބީޗު ވިލާ އާއި އޯވަ ވޯޓަ ވިލާތައް ހުންނާނެ އެވެ. އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގީކުރާ މި ރިސޯޓުގައި ތަފާތު ގައުމުތަކުގެ ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި އަވާނީ ސްޕާއެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް އޮންނާނެ އެވެ.
އަވާނީ ޕްލަސް ފަރެސް ވާނީ ރާއްޖޭގައި ހުޅުވާ އަވާނީގެ ބްރޭންޑްގެ ފުރަތަމަ ރިސޯޓަށެވެ.
އަވާނީ ހޮޓެލްސް އަކީ މިހާރު ވެސް ރާއްޖޭގައި ރިސޯޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެއީ އަނަންތާރާ ބުރޭންޑުގެ ތިން ރިސޯޓެވެ. އަވާނީ ހޮޓެލްސް އަކީ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނަ ހޮޓެލްސްގެ ބުރޭންޑެކެވެ.