Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން -- ފޮޓޯ / އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސޯސް އެކޯޓަށް ލިބިގެން ނުވާކަމަށް އެމްޑީޕީން ކޯޓުގައި ބުނެފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ. އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާއިރު މިއަދުގެ އަޑުއެހުމަކީ ވަގުތީ އަމުރާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ.

އެހެންނަމަވެސް އެމްޑީޕީން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށް ބުނެ ހުށަހަޅާފައެވެ. އެހެންކަމުން އިހުތިސޯސްގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބޭއްވުމަށްވަނީ ނިންމާފައެވެ. އަދި އިހުތިސޯސްގެ މައްސަލައިގައި ޖަވާބުދާރީވުމަށް މައްސަލަ ހުށަހެޅި ފަރާތަށް 10 ދުވަހުގެ މުއްދަތެއް އަރުވާފައިވެއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ އަލީ އަމުޖަދު ކިޔާމީހެކެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި މިމައްސަލައިގައި ހަރަކާތްތެރިވަނީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ ޕާޓީން ވަކިކުރި 39،000 މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބާއްވައިދިނުމަަށެވެ. އަދި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމުގެ އަމުރެއް ނެރެދޭން ވެސް އެދިފައިވެއެވެ.

މި މައްސަލަ ކޯޓުގައި އޮތްްއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އަރުވާފައެވެ. ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 24،566 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ.