Last Updated: May 10, 06:02
Friday, May 10, 2024
ޚަބަރު ގަން އެއާޕޯޓު

ގަން އެއާޕޯޓް ތަރައްގީ ކުރަން ސޮއިކޮށްފި

ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ގަން އެއާޕޯޓް ތަރައްޤީ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ގައިސް ނަސީރެވެ. އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގް ޑިރެކްޓަރ ސެލްވަ-ސުންދަރަމްއެވެ.

މިރަސްމީއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާގެ އިތުރުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުގެ އިތުރުން ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިންގް ޤައިސް ނަސީރު، އަދި ވިދާޅުވީ މިއީ ދެކުނުގެ ރައްޔިތުންގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއެއް ކަމަށެވެ. އަދި ޕްރޮޖެކްޓް ނިމިގެން ދާއިރު ގަން އެއާޕޯޓް ވެގެންދާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތެއް އެކުލެވިގެން ތަރައްޤީ ވެގެންދާ އެއާޕޯޓެއް ކަމަށް ޤައިސް ވިދާޅުވިއެވެ. އަދި މިއީ އެކުންފުނިން އެކުލަވާފައިވާ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް މަހެއްހައި ދުވަހުގެ ތެރޭ ފެށިގެންދާނެ ކަމަށް ރެނާޓަސް ކުންފުނިން ބުނެއެވެ. އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓް އަދި ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކުރަން ނިންމީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ އެވެ. މިއީ އެ ގައުމުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ 29.7 މިލިއަން ޑޮލަރު(455.8 މިލިއަން ރުފިޔާގެ) ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.