ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫއު ނިމޭ އިރު، އައްޑޫގައި ކުރިއަށްދާ ޓުއަރިޒަމް އެނދުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 6،000 އެނދު ގާއިމު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެ އެވެ.
ގަން އިންޓަނޭޝަން އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލު ކުރުމަށް، ބޭއްވި ރަސްމީއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫޢުއާ އެކު އެންމެ ފުރިހަމަ ގޮތެއްގައި ފަހިވެގެންދާ ފުރުސަތަކީ ޓޫރިޒަމް ކަމަށެވެ. މިއާއެކު މި ސަރަހައްދުގެ ޓޫރިޒަމް އެނދުތައް އެއާޕޯޓާ އެކު މާކެޓަށް ނެރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެގޮތުން ހަންކެޑެ ތަރައްޤީ ކުރުމުގެ މަޝްރޫއާއި ޝަންގްރީއްލާ ވިލިގިލި ރިސޯޓު އަލުން ހުޅުވުމާއި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅިން އަލަށް ފަސް ރިސޯޓު ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް، އެ މަސައްކަތް "އަންނަމުން އަންނަމުން" ގޮސް މިހާރު ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރަށް ލޯކަލް ޓޫރިޒަމަށް ގެސްޓްހައުސް ވިޔަފާރިއަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ޕްރޮގްރާމެއް ރާވައިގެން، އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
The contract signing ceremony for the Gan International Airport Development Project was held today. Contracts were signed between @AIA_MV & Renaatus Projects.@faya_i @Ganairportco pic.twitter.com/doEgZZ8IlL
— Economy & Trade (@MoEDmv) March 5, 2023
ފައްޔާޒު ވިދާޅުވީ މި މަހު ނުވަތަ އަންނަ މަހު ގެސްޓް ހައުސްތަކުގެ މަސައްކަތް މޮބިލައިޒް ކުރުމުގެ އުއްމީދު އޮތް ކަމަށެވެ. އަދި އެކަން ލަސްވަނީ ބިން ލިބިފައިވާ ފަރާތްތަކާ އެކު އެއްބަސްވުމަކަށް މުޅުން ނާދެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ހަންކެޑެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހުފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓުގެ މަސައްކަތް ނިމޭއިރު އިރާދަފުޅު ކުރެއްވީޔާމު، ގާތްގަނޑަކަށް އައްޑޫގައި ގެސްޓް ހައުސްއާއި ހަންކެޑެ ޕްރޮޖެކްޓާ ލައިގެން 6000 އެނދު މި ޕްރޮޖެކްޓުގެ ތެރޭގައި ދާނެ،" ފައްޔާޒް ވިދާޅުވި އެވެ. "އަށްހާސް އެނދު އަދި ހަމައެއް ނުވޭ. ދެން 6000 އަޅުގަނޑަށް ހީވަނީ ގޯސް އަދަދެއް ނޫންހެން ފެށުމަކަށް."
އޭނަ ވިދާޅުވީ އައްޑޫގެ ޓުއަރިޒަމަކީ ތަފާތު ޓުއަރިޒަމެއް ކަމަށާއި ޒަމާނުއްސުރެ އެއާޕޯޓް "އަންނަނީގައި" އޮވެ، އެކަން ނުވެ އޮތުމުން އެކަންތައް އެއްފަހަރާ ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްޤީވެފައި އޮތް ނަމަ އައްޑޫގެ ރިސޯޓުތައް ބަނދުކުރަން ނުޖެހުނީސް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެއާޕޯޓު ތަރައްގީ ނުވެ އޮތް އިރު ވެސް، އައްޑޫގެ ބައެއް ގެސްޓް ހައުސްތަކުން ގެއްލުމުގައި ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުން ދައްކަމުން އަންނަ ހިތްވަރަށް ތައުރީފު ކުރައްވައިފަ އެވެ.