ހިޔާ ޓަވަރުތައް ބަލަހައްޓައި ސާފު ކުރާނެ މުވައްޒަފުން ހޯދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އޯޕަން ޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ވަނީ ހިޔާ ޓަވަރު ސާފުކޮށް ތަނުގެ ރައްކާތެރިކަން ބަލަހައްޓަން މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ސެކިއުރިޓީ އެސިސްޓެންޓުންގެ ގޮތުގައި 88 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާއިރު ޓަވަރުތައް ސާފުކުރުމުގެ މަސައްކަތައް ސަޕޯޓް ސްޓާފުންގެ ގޮތުގައި 48 މުވައްޒަފުން ނެގުމަށް ވަނީ ނިންމާފައެވެ. މިއާއެކު ޖުމްލަ 136 މުވައްޒަފުން ހިޔާޓަވަރު ބެލެހެއްޓުމުގެ މަސައްކަތަށް އެޗްޑީސީން ނަގާނެއެވެ. މުވައްޒަފުންނަށް މަހަކު 10،500ރ. ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ ފަރާތުން ހިޔާ ޓަވަރު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް މުވައްޒަފުން ނެގުމަށް ބާއްވާ އޯޕަން ޑޭ އޮންނާނީ މި މަހުގެ 10 ވާ ހުކުރު ދުވަހު ފޭސް 2 ގައި އަލަށް ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ.
We’re looking for individuals who can help us ensure that #MageyHiyaa remains a clean, safe and secure place for everyone. If you think this job is for you, join us on our Open Day and show us your potential! #TeamHDC pic.twitter.com/1DfAw4TioP
— HDC (@hdcmaldives) March 5, 2023
ހިޔާ ޓަވަރުތަކަށް މީހުން ވަންނަން ފެށުމާއިއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ އޮތީ ޓަވަރުގެ މެއިންޓެނެންސް މަސައްކަތްތަކާއި ރައްކާތެރިކަމެވެ. މީގެ އިތުރުން ޓަވަރުތައް ކުށުގެ ހާއްޔަކަށް ވިޔަ ނުދިނުމަށް، ޕޮލިސް ޕޯސްޓެއް ޓަވަރު ސަރަހައްދުގައި ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ހުރިހާ ޓަވަރެއްގައި މިދިޔަ އަހަރު ތެރޭ ސީސީ ޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ވަނީ ފަށާފައެވެ.
ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު ވަނީ ޤާއިމްކޮށްފައެވެ. މިއީ 7000 ފްލެޓު ތަރައްޤީ ކުރުމަށް ކުރިއަށް ގެނދެވުނު މަޝްރުޢޫއެކެވެ. ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، މިއީ އެއް ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ސަރަހައްދުވެސްމެއެވެ.