އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޖޮބް ސެންޓަރުގެ އޮފީހެއް އައްޑޫގައި އިމާރާތްކުރަން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިހާރު ވަނީ އެ އޮފީސް އިމާރާތްކޮށް ދޭނެ ބަޔަކު ހޯދަން އިއުލާން ވެސްކޮށްފަ އެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މިކަމާ ގުޅޭ ގޮތުން މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މައުލޫމާތު ސާފުކުރަން ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 3323668 އިން ހޯދޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އައްޑޫ ޖޮބް ސެންޓަރު އިމާރާތްކުރަން ބަޔަކު ހަވާލުކުރާ އިރު މައިގަނޑު ތިން ކަމަކަށް ބަލާނެ ކަމަށެވެ. އެއީ ހުށަހަޅާ އަގާއި ތަން ނިންމަން ދޭ މުއްދަތުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އެވެ.
ނެޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފެއްދީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
މިއީ ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވައި ދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި، ވަޒީފާގެ ބާޒާރާ ގުޅުން ހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް އުފެއްދި އިދާރާއެކެވެ.