Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްއޭސީއެލްގެ "ބިނާރު" ކެމްޕޭން ލޯންޗުކޮށްފި

ބިނާރު ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

"ބިނާރު" ނަމުގައި މަސައްކަތުގެ މާހައުލުގެ ސަލަމާތާއި ސިއްޙީ ރާއްކާތެރިކަމާއި ގުޅޭ ކެމްޕެއިނެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބިނާރު ކެމްޕެއިންގެ މަޤްސަދަކީ، އެމްއޭސީއެލް ކުންފުނީގެ މަސައްކަތު މާޙައުލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލަމަތާއި ރައްކާތެރިކަން ދަމަހައްޓައި މުވައްޒަފުންގެ މެދުގައި މިކަންކަމަށް ހޭލުންތެރިކުރުމުގެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މަސައްކަތުގެ މާޙައުލުގައި ސަލަމާތާއި ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒު ކުރާނޭ ފުރަތަމަ ކުންފުންޏަށް އެކުންފުނި ހެދުމަކީ އަމާޒެއް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ. ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވަނީ ކޯވިޑުގެ ހާލަތުގައި އެމްއޭސީއެލްއިން އެޅި ފިޔަވަޅުތަކާއި އަދި މިހާރުވެސް ސަލަމާތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް އެކަމަށް ސާބަސް ދެއްވާފައެވެ.

ބިނާރު ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ މަހުޖޫބް ޝުޖާއު ވިދާޅުވީ، އެމްއޭސީއެލްއިން އަމަޒަކީ އައިކާއޯ އަދި އައިއާޓާ ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުގެ މިންގަނޑުތަކަށް އެއާޕޯޓުގެ ސަލަމާތާއި ރައްކާތެރިކަން ބެހެއްޓުމަށެވެ. އަދި މިހާރުވެސް އެމްއޭސީއެލްއިން އީޖާދީ ޓެކްނޮލޮޖީއަށް އިންވެސްޓު ކުރަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ މީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ހާދިސާތައް މަދު ކުރެވޭނެ ކަމަށެވެ.

އެމްއޭސީއެލްގެ ބިނާރު ކެމްޕެއިން ކުރިއަށްދާނީ މިމަހުގެ 4 އިން 9 އަށެވެ. މިގޮތުން ކެމްޕެއިންގެ ތެރެއިން ހުޅުމާލޭގައި ސޭފްޓީ ރަންއެއް މިމަހުގެ 4 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މީގެ އިތުރުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމަކާއި މުވައްޒަފުންގެ ހެލްތް ސްކްރީނިން ޕްރޮގްރާމެއްގެ އިތުރުން، މަދިރި މަދު ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލު ކުދިންގެ އެއާޕޯޓް ޓުއަރ އަދި އޮންލައިން ކުއިޒްތަކެއް ކުރިއަށް ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާނެއެވެ.

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ކެމްޕެއިނެއް އެމްއޭސީއެލްއިން ލޯންޗު ކުރިއިރު، ރާއްޖޭގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލެއް މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި ބިލު އޮތީ މިހާރު އިބްތިދާއީ ބަހުސް މަރުހަލާގައެވެ.