ކުޑަކުދިންގެ ހައްޤުތައް ރާއްކާތެރިކުރުމުގެ ޤާނޫނާއި އަދި ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތައް ތަންފީޒު ކުރާ މިންވަރު ބަލައި ކޮމިއުނިޓީ އޮޑިޓްތަކެއް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ކުރިއަށް ގެންގޮސްފިއެވެ.
ޗައިލްޑް ރައިޓްސް އޮޑިޓްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް (ސީއޯއޯ)އިން ކުރިއަށްގެންދާ އޮޑިޓްތަކުގެ މަޤުސަދަކީ، ދައުލަތުގެ އިދާރާތަކުން އެ ފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރެވޭ މިންވަރު ދެނެގަނެ، ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދިނުމުގެ ރޫހު އާލާކުރުމާއި، ފުރިހަމައަށް ޤާނޫނު އަދި މުއާހަދާތައް ތަންފީޒް ކުރުމަށް ބާރުއެޅުމެވެ. މިގޮތުން މިއީ މިފަދަ ދެވަނަ އޮޑިޓްކަމަށް އެ އޮފީހުން ހާމަކުރެއެވެ.
ކޮމިއުނިޓީ އޮޑިޓްތައް ކުރިއަށްގެންދެވިފައިވަނީ ސ. ހިތަދޫ، ކ. ހިންމަފުށި، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް، ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ތ. ވޭމަންޑޫ، ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫގައި ހިމެނޭ އިދާރާތަކުގައެވެ. މިގޮތުން ކޮންމެ ރަށެއްގައި ހިމެނޭ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރާ، ފުލުހުންގެ އިދާރާ، ސިއްހަތާގުޅޭ އިދާރާ، ތައުލީމީ އިދާރާ، ކައުންސިލް، މެޖިސްޓްރޭޓް ކޯޓު އަދި އެރަށެއްގައި ރީހެބިލިޓޭޝަން ސެންޓަރެއް ހުރިނަމަ އެ އިދާރާއަކަށް ޒިޔާރަތްކޮށް އޮޑިޓްތައް ކުރިއަށްގެންދެވިފައިވެއެވެ.

އަދި އޮޑިޓަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަރުހަލާ ނިމުމުން، ކޮންމެ ރަށެއްގައި ހިމެނޭ ހުރިހާ އިދާރާތަކެއްގެ ބައިވެރިވުމާއެކު ސްޓޭކްހޯލްޑަރ ވޯކްޝޮޕްއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އެއް މަގުސަދަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި އެކަމަށް ބާރުއެޅުމެވެ.
އޮޑިޓްތަކުން ފާހަގަކުރެވިފައިވާ ކަންކަމާއި، އެކަންކަން އިސްލާހުކުރުމަށް ސީއޯއޯއިން ހުށަހަޅާކަންކަން ހިމަނައި، އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓްތައް، އޮޑިޓް ކުރެވުނު ވަކިވަކި އިދާރާތަކާވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހިއްސާކޮށްފައެވެ. އަދި މި އިދާރާތައް ނިސްބަތްވާ މިނިސްޓްރީތަކާއި މައި އިދާރާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއްވަނީ، މިދިޔަ މަހު 20 އިން 28 އަށް ބޭއްވިފައިވެއެވެ.

އެއޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެއޮފީހުން ހެދި އޮޑިޓްތަކުގައި ކުޑަކުދިންގެ ހައްޤޫތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކުގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރެވިފައިވެއެވެ. އަދި މިއަހަރުގެ ރިޕޯޓުގައިވެސް އެކި އިދާރާތަކުގައި ހުރި މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިދާރާތަކުގެ މުވައްޒަފުން ޤާނޫނަށް އަހުލުވެރިނުވުމާއި، ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވުމާއި، އިދާރާތަކުގެ ލިއެކިއުން ރަނގަޅު ބެލެހެއްޓިފައި ނެތްކަން ވަނީ ފާހަގަ ވެފައެވެ. މީގެ އިތުރުން އިދާރާތަކުންގެ ޒިންމާ އަދާ ކުރުމުގައި ހުރި މައްސަލަތައް ރިޕޯޓުގައި ވަނީ ވަކިން ފާހަގަކޮށްފައެވެ.
ދައުލަތުގެ އިދާރާތަކާއި މުޢައްސަސާތަކާއި އެކު ބައްދަލުވުމުގައި، ކޮމިއުނިޓީ އޮޑިޓާގުޅޭ މައުލޫމާތުގެ އިތުރުން، އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަމާއި އެކަންކަން އިސްލާހުކުރުމަށް ހުށަހަޅާފައިވާ ކަންކަން އަދި އެކަންކަން ތަންފީޒުކުރެވޭ މިންވަރު މޮނިޓަރ ކުރާނެގޮތުގެ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ. އަދި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާކަން ވިލަރެސްކުރުމަކީ، އެ އިދާރާތައް ނިސްބަތްވާ މިނިސްޓްރީތަކާއި މައި އިދާރާތަކުގެ ޒިންމާއެއްކަމަށްވާތީ، ރިޕޯޓުން ވަކި ވަކި އިދާރާތަކަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒުރެވޭ މިންވަރު މޮނިޓަރކުރުމަށާއި، އެކަންކަންކަން ތަންފީޒުކުރުމަށް އެ އިދާރާތަކަށް ބާރުއެޅުމަށާއި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، ސީއޯއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކިވަކި އިދާރާތަކާ ހިއްސާކޮށްފައިވާ އޮޑިޓް ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ކޮމިއުނިޓީ އޮޑިޓް ރިޕޯޓުގެ އެގްޒެކެޓިވް ސަމަރީ ވަނީ މިނިސްޓްރީތަކާއި، މައި އިދާރާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރެވިފައެވެ. އަދި ރިޕޯޓު އެއޮފީހުގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.