އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 7-0 އިން ލިވަޕޫލުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 49 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 58 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި 63 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ލިވަޕޫލަށް މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑާވިން ނުނޭޒް ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 50 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ގަކްޕޯ އެވެ.
މި ތިން ގޯލަށްފަހު ވެސް ލިވަޕޫލް ދިޔައީ ކައިރިކައިރީގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 75 ވަނަ މިނެޓްގައި ނުނޭޒް ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ލިވަޕޫލްގެ ހަވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ސަލާހު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ރޮބާޓޯ ފަމީނޯ އެވެ.
މިއީ ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލުން މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅެވެ. އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި ލިވަޕޫލް އެންމެފަހުން ޔުނައިޓެޑް އަތުން ބަލިވީ 2016 ވަނަ އަހަރު އެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ބޯންމަތްއާ އެވެ. ޔުނައިޓެޑް ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.