Last Updated: July 16, 11:54
Thursday, July 16, 2026
ކުޅިވަރު

ކުޅެން އެރިތާ 40 ސިކުންތުތެރޭ ރަތް ކާޑެއް

އިޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 1-0 އިން ޔުވެންޓަސް ބަލިވި މެޗުގައި ކުޅެން އެރިތާ 40 ސިކުންތުތެރޭ ޔުވެންޓަސްގެ އިޓަލީ ފޯވާޑް މޮއިސް ކީން އަށް ރަތްކާޑު ދައްކައިފި އެވެ.

ރޯމާގެ ދަނޑުގައި ކުޅުނު މެޗުގައި ކީން ކުޅެން އެރީ މެޗުގެ 89 ވަނަ މިނެޓްގަ އެވެ. ކުޅެން އެރިތާ 40 ސިކުންތުތެރޭ ކީން އަށް ރަތްކާޑު ދެއްކީ ރޯމާގެ ޖިއާންލޫކާ މަންޗީނީ އަށް ފައިން ދިން ހަމަލާއަކާ ގުޅިގެންނެވެ. މިއީ ކީންގެ ކެރިއަރުގައި ދެއްކި ދެވަނަ ރަތްކާޑެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ކީން އަށް ހެދުނީ ގޯހެއްކަން ގަބޫލުކޮށް އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުން ފިލާވަޅު ލިބިގަންނަންޖެހޭނެ ކަމަށާއި މިފަދަ ގޯސްތަކަކީ ހަދައިގެން ވާނެ ގޯސްތަކެއް ނޫން ކަމަށް އެލެގްރީ ބުންޏެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރޯމާ އަށް މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަންޗީނީ އެވެ. މަންޗީނީ މި ގޯލު ކާމިޔާބު ކުރީ ޔުވެންޓަސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މޮޅާއެކު 47 ޕޮއިންޓާ އެކު ރޯމާ އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ. ޔުވެންޓަސް އޮތީ 35 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ. އެއްވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ.