ރެއާލް ބެޓިސް އިން ރެއާލް މެޑްރިޑް މޮޅުވިޔަ ނުދީ ހިފެހެއްޓުމުން ސްޕެނިޝް ލީގު އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 9 ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.
ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ގޯލެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ. އެ ގޯލު ކެންސަލް ކުރީ ބެންޒެމާ ފޮނުވާލި ހިލޭޖެހުން ގޯލަށް ވަދެފައިވަނީ ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ އަތުގައި ޖެހިފައި ދިޔުމުންނެވެ.
މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ކީޕަރުން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ބިޒީކޮށެވެ. އެގޮތުން ރެއާލުން ފޮނުވާލި ފަސް ހަމަލާއެއް ބެޓިސްގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކުރިއިރު ރެއާލްގެ ގޯލްކީޕަރު ޓިބޯ ކޯޓުއާ ވަނީ ބެޓިސްގެ ހުއާން މިރާންޑާ އަދި އަޔޯޒޭ ޕެރޭޒް ފޮނުވާލި ހަމަލާތައް ދިފާއުކޮށްފަ އެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސާ އިން ރޭ ވަނީ ވެލެންސިއާގެ މައްޗަށް 1-0 އިން ކުރި ހޯދާފަ އެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ރަފީނިޔާ އެވެ.
މި މެޗުން މޮޅުވުމުން ލީގުގެ އެއްވަނައިގައި ބާސާ އޮތީ 62 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ރެއާލް އޮތީ 53 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 45 ޕޮއިންޓާ އެކު އެވެ.