Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ބޭރުގެ މުބާރާތެއްގައި ގައުމީ ރެކޯޑްތަކެއް މުގުރައިފި

އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދާ "އޭޝިއަން ރައިފަލް/ ޕިސްޓަލް ކަޕް 2023" ގައި، 10 މީޓަރު އެއާ ރައިފަލް އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގެރީން ޤައުމީ ރެކޯޑް މުގުރާލައިފި ވެ.

އެގޮތުން ފިރިހެން ބައިގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑް ކޯޕްރަލް އިބްރާހީމް ޝިފާން ވަނީ ހޯދައިފައެ ވެ. ކޯޕްރަލް ޝިފާން ޤައުމީ ރެކޯޑް ހޯދީ 604.9 ގެ ސްކޯއެއް ހޯދައިގެންނެވެ.

ކުރިން ފިރިހެން 10 މީޓަރު އެއާ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑުގެ ގޮތުގައި ހޯދާފައިވާ ސްކޯއަކީ 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެލެމްބެންގުގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި ފަސްޓް ސާޖަންޓް ޢަބްދުﷲ މުޙައްމަދު ހޯދި ސްކޯ އެވެ. އެ ފަހަރުގެ ސްކޯ އަކީ 595.5 އެކެވެ.

މީގެ އިތުރުން އަންހެން 10 މީޓަރު އެއާ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑް ވެސް ވަނީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން ހޯދައިފަ އެވެ. އޭނަ ޤައުމީ ރެކޯޑް ހޯދާފައި ވަނީ 589.6 އިން ސްކޯރ ހޯދައިގެންނެވެ.

ކުރިން އަންހެން 10 މީޓަރު އެއާ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑްގެ ގޮތުގައި ހޯދާފައިވާ ސްކޯ އަކީ 589.3 އެވެ. އޭއީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު ހޯދި ސްކޯ އެވެ.

"އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023" ގައި، 10 މީޓަރު އެއާ ރައިފަލް މިކްސްޑް ޓީމް ކެޓަގަރީން ވެސް ޤައުމީ ރެކޯޑް ވަނީ މުގުރާލައިފަ އެވެ. އެގޮތުން 10 މީޓަރު އެއަރ ރައިފަލް މިކްސްޑް ޓީމް ކެޓަގަރީގައި ޝިފާނާއި ޝަރަފިއްޔާ ވާދަކޮށް، 592.3 ގެ ސްކޯ އަކާއެކު އައު ޤައުމީ ރެކޯޑެއް ވަނީ ޤާއިމުކޮށްފަ އެވެ.

ކުރިން މި ކެޓަގަރީގެ ޤައުމީ ރެކޯޑްގެ ގޮތުގައި ހޯދާފައިވާ ސްކޯ އަކީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފަސްޓް ސާޖަންޓް ޢަބްދުﷲ މުޙައްމަދާއި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު ހޯދާފައިވާ 575 ގެ ސްކޯ އެވެ.

މި މަހުގެ 1-10 އަށް ކުރިއަށްދާ މި މުބާރާތުގައި އޭޝިއާގެ 12 ޤައުމަކުން ވާދަކުރެ އެވެ.

ރާއްޖެއާ އެކީ މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، ނޭޕާލް، ޤަތަރު، ހޮންކޮންގް، ސިންގަޕޫރު، ވިއެޓްނާމް، ދެކުނު ކޮރެއާ، ފިލިޕީންސް، ޖަޕާން، ކުވެއިތުގެ އިތުރުން މުބާރާތް ބާއްވާ ޤައުމު އިންޑޮނޭޝިއާ ހިމެނެ އެވެ.