Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ވިވިއަންގެ އާ އަންހެނުންނަކީ ނޫސްވެރިއެއް

އަލަތު ކައިވެނި ރޫޅިފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ވިވިން ޑިސޭނާ މިސްރުގެ ނޫސްވެރިއަކާ ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިސްރުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ނޫރަން އަލީއާ ވިވިއަން ކައިވެނިކުރީ މިދިޔަ އަހަރު މިސްރުގައި ކަމަށެވެ. އެކަމަކު ކައިވެނިކުރިކަން 34 އަހަރުގެ އެކްޓަރު އުޅުނީ ސިއްރުކޮށްގެންނެވެ. އަދި އަންހެނުންގެ އެއްވެސް ފޮޓޯއެއް ވެސް ވިވިއަންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެއް ނުވެ އެވެ.

ހިންދުސްތާމް ޓައިމްސް އިން ބުނި ގޮތުގައި މިދިޔަ އަހަރު ކަލާސް އިން ނިންމާލި ސިލްސިލާ "ސިރުފް ތުމް" ގެ ބަތަލާއި ނޫރަން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އަދި އެ މީހުން މިހާރު ދިރިއުޅެނީ މުމްބާއީގެ ލޯކަންދުވާލާގެ އެޕާޓްމަންޓެއްގައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" އާއި "މަދޫބާލާ" އަދި "ޕިޔާރު ކީ ޔޭ އޭކް ކަހާނީ" ފަދަ ސިލްސިލާތައް ކުޅުނު ވިކިއަން ކުރިން ކައިވެނިކޮށްގެން އުޅުނީ ޓީވީ ބަތަލާ ވައްބިޒް ދޮރަބްޖީއާ އެވެ. ދެހާސް ތޭރައިގައި ކުރި އެ ކައިވެނި ރޫޅުނީ 2017 ގަ އެވެ.

ވިވިއަން އަކީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ހަތުރޯން ކޭ ކިލާޅީ" ގެ 7 ވަނަ ސީޒަނއި "ޖަލަލް ދިކްލާޖާ" ގެ 8 ވަނަ ސީޒަން ހިމެނެ އެވެ.