Last Updated: June 29, 06:08
Monday, June 29, 2026
ވިޔަފާރި

ފަސް އަހަރު ތެރޭ 5000 އެނދު އައްޑޫގައި ގާއިމް ކުރާނަން: އަދީބް

ހަންކެޑެ ފޮޓޯ/ އައްޑޫ ލައިވް

ކުރިއަށް އޮތް ފަސް އަހަރު ތެރޭ އައްޑޫގައި 5000 ޓޫެރިސްޓް އެނދު ތަރައްޤީ ކުރައްވާނެކަމަށް ފަތުރުވެރި ކަމާއި ބެހޭ ވަޒީރު އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބް ވިދާޅުވީ ސަރުކާރުގެ ހާއްސަ އިގްތިސާދީ ޒޯން ބިލްގެ ދަށުން އަންނަ ފުރަތަމަ ޒޯން އަކީ އައްޑޫ ސިޓީ ކަމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި މި ފަސް އަހަރު ނިމުމުގެ ކުރިން އައްޑޫގައި ގެސްޓް ހައުސް ތަކާއި އެކު 5000 އެނދު ތަރައްޤީ ވެގެންދާނެކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ އިގްތިސާދީ ޒޯން ބިލްގެ ދަށުން އައްޑޫ ވެގެންދާނީ ޒޯންތަކުގެ މައި ގޭޓްވޭއަށް ކަމަށާއި ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށް ސަރުކާރުން މިހާރު މަޖްލިސްއަށް ހުށަހަޅުއްވާފައިވާ އިގްތިޒާދީ ޒޯންގެ ބިލް އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މިއަދުގެ މަޖްލިސްގައި އަދީބް ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަމުގެ ޕްލޭން މި މަހުގެ ތެރޭގައި އާއްމު ކުރައްވާނެ ކަމަށާއި އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ގެސްޓް ހައުސް ސިޔާސަތަށް ތާއިދު ކުރައްވާ ކަމަށެވެ.

އަދި ސަރުކާރުން މަޖްލިސްއަށް ފޮނުވާފައިވާ ބިލްތައް ފާސްކޮށްގެން އައްޑޫ އާއި މަރަދޫ ވަރަށް އަވަހަށް ތަރައްޤީ ކުރެވޭނެކަމަށެވެ.

ފެބްރުއަރީ 8، 2012 ގައި އައްޑޫގެ އެކި ތަންތަން ހުޅުޖަހައި އަންދާލުމުގެ ސަބަބުން އައްޑޫއަށް އިންވެސްޓް ކުރުމަށް ހުރަސް އެޅުނު ކަމަށާއި، ނަމަވެސް އިންވެސްޓަރުންނަށް އެފަދަ ކަމެއް ދެން ނުހިގާނެ ކަމުގެ ޔަޤީން ކަން އަރުވާފައިވާ ކަމަށް އަދީބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލިސްގައި އައްޑޫ ތަރައްޤީ ކުރައްވާނެކަމަށް ވިދާޅުވެފައިވާ އިރު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ދައުލަތުގެ ބިންތަކާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރުމުމަށް ހައުސިން މިނިސްޓްރީން ކައުންސިލްތަކަށް ވަނީ އަންގައިފެވެ.

މީގެ ސަބަބުން އައްޑޫގެ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތަށް އައްޑޫގެ ބިންތައް ތަރައްޤީގެ ބޭނުންތަކަށް ބޭނުން ކުރުން ކައުންސިލަށް ވަނީ ބަންދުވެފައެވެ.

އައްޑޫގެ ޓޫރިޒަމް ޕްލޭން މިދިޔަ މަސް ނިމުމުގެ ކުރިން ލޯންޗް ކުރައްވާނެ ކަމަށް މީގެ ކުރިން "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި އަދީބް ވަނީ ވިދާޅުވެފައެވެ.