ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާޗް 23، 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ޝަކީލަކީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗްލަ އޮފް ޝަރީޢާ އާއި މާސްޓަ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ. ޝަކީލު 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާ އިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުން އޮންނާނީ މި މަހުގެ 13 ގަ އެވެ.
ކްރިމިނަލް ކޯޓަށް ވެސް ތިން ފަނޑިޔާރަކު އައްޔަންކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެގޮތުން ކޯޓަށް އަލަށް އައްޔަން ކުރަން ނިންމީ އައްޑޫ މަރަދޫ، އެށެވެލި އިބްރާހީމް އިޙްސާނާއި ގއ. ނިލަންދޫ، ބިއްލޫރިޖެހިގޭ، އިބްރާހީމް ޒިހުނީގެ އިތުރުން ރ.ރަސްގެތީމު، ގުލާބީގޭ އާމިނަތު އަޒްލިފާ އެވެ.