Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސުން ގާނޫނާ ގަވައިދާ ހިލާފުނުވޭ

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވައިދުތަކާ ހިލާފަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީރުއާ، ވެންޓިލޭޓަރު މައްސަލައިގައި ސުވާލު ކޮށްފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފުގެ ސުވާލުގައި ބުނެފައިވަނީ، ވެންޓިލޭޓަރު ގަތުމަށް ފައިސާ މާލިއްޔަތަށް ޒިންމާ ވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯއެވެ. އަދި ފައިސާ މިނިސްޓަރުގެ ހުއްދަނެތި ދޫކޮށްފައިވާ ކަމަށްވާނަމަ އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި މިހާތަނަށް އިދާރާތަކުން ބެލިބެލުމުން ފިނޭންސް މިނިސްޓްރީން ޤާނޫނާ ގަވައިދާ ހިލާފުވެފައިވާކަމަށް ފެންނަން ނެތްކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުން މިކަމަށް ހާއްސަކޮށް ތައްޔާރުކުރި އޮޑިޓް ރިޕޯޓްގައި ވެސް ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން އޭސީސީން މިނިސްޓްރީއަށް އަންގާފައިވާ އެންގުމަށްބަލާއިރު ޕްރޮކިއުމެންޓްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަންގަވާފައިވާ ކަންކަން އަޅުގަނޑުމެން މިހާރު ވާނީ އިތުރަށް ފުރިހަމަ ކޮށްފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ސަރުކާރުން ވަނީ އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކާފައެވެ.

މި އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ހިލާފުވެފައިވާތީ އެ މައްސަލަ ފެބުރުއަރީ 16 ވަނަ ދުވަހު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅާފައެވެ.