Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

ރޮހިންޏާ މުސްލިމުންގެ ގެތަކެއް އަޅި އަށް

ބަންގަލްދޭޝްގެ ކޮކްސް ބާޒާރުގެ ކޭމްޕެއްގައި ރޮހިންޏާ ދަރިކޮޅު މީހުންގެ ގެތަކެއް އަލިފާނުގެ ބޮޑު ހާދިސާއެއްގައި އަނދައި ހުލިވެއްޖެ އެވެ.

އިއްޔެ މެންދުރު ފަހު ހިނގި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 12،000 އަށް އަރަ އެވެ. ވަރަށް އާދައިގެ ގޮތަކަށް ކޭމްޕް 11 ގައި ހަދާފައި ހުރި ވަގުތީ ހިޔާތައް ވަނީ އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދައި ހުލިވެފަ އެވެ. އެތަނުގައި ދިރިއުޅެމުން އައި މީހުންނަކީ މިއަންމާގެ އަސްކަރިއްޔާ އިން ރޮހިންޏާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އައި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ބަންގްލަދޭޝް އަށް 2017 ގައި ހިޖުރަކޮށްފައިވާ މީހުންނެވެ.

ކޮކްސް ބާޒާރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ތިން ގަޑިއެއްހާ އިރު ފަހުންނެވެ. މި ހާދިސާގައި 35 މިސްކިތަކާއި 21 މަދުރަސާއެއް ވެސް ވަނީ އަނދައިފަ އެވެ.

އިއްޔެގެ ބޮޑު ގެއްލުމާ ގުޅިގެން ރޮހިންޏާ ދަރިކޮޅުގެ މީހުން ބުނެފައި ވަނީ މިއީ އެ މީހުންގެ ނިކަމެތި ހާލަތުގެ މައްޗަށް އިތުރު ފޮއެއް ވެއްޓުން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. މި ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ގޭސް ފުޅިއެއް ގޮވައި، އޭގެ ސަބަބުން އަލިފާންގަނޑު ފެތުރުމާ ގުޅިގެންނެވެ.