Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ހަގު ދަރިފުޅުގެ ފިލްމުގެ ސެޓްގައި ސަނީ

ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނެރޭ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، ސަނީ އާއި ދޮށީ ދަރިފުޅު ކަރަން ޑިއޯލް ސެޓަށް ޒިޔާރަތްކޮށްފި އެވެ.

ސަނީގެ އިންސްޓަގްރާމްގައި ދެ ކުދިންނާ އެކީ ނަގާފައިވާ ފޮޓޯއެއް މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ޕޯސްޓް ވެސް ކޮށްފައިވެ އެވެ. އެ އެ ފޮޓޯގައި ފެންނަނީ ސަނީ އާއި ކަރަން މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބޭ އިރު، ރަޖްވީރު އެ މީހުންގެ ފަހަތުގައި ހުންނަ ތަނެވެ.

ރަޖްވީރު ބޮލީވުޑަށް ނެރެނީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ގެ އިތުރުން "ހަމް ސާތު ސާތު ހޭ" ފަދަ ކާމިޔާބު އާއިލީ ފިލްމުތައް ގެނެސްދިން ޕްރޮޑަކްޝަން ހައުސް، ރާޖްޝްރީ ޕްރޮޑަކްޝަނުންނެވެ. މިދިޔަ އަހަރު "އޫޗާއީ" ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަން ހަދަނީ ރަޖްވީރާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ އަންހެން ދަރިފުޅު ޕަލޯމާ ތަކޭރިއާއާ އެކީގަ އެވެ.

ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ މި ފިލްމުން ރަޖްވީރު ބޮލީވުޑަށް ނެރެން އުޅޭކަން އިއުލާންކުރީ 2021 ގަ އެވެ. އަދި ޕަލޯމާ ފިލްމުގެ ބަތަލާއަކަށް ނެގިކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ. އެކަމަކު އެ ފިލްމުގެ ނަމާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ރާޖްޝްރީން އަދި ނުދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭގެ މަންޒަރުތައް މިހާރު ނަގަމުން އަންނަނީ ތައިލޭންޑްގަ އެވެ.

ސަނީ، 65، ގެ ހަގު ދަރިފުޅު ރަޖްވީރު، 29، ބޮލީވުޑަށް ނުކުންނަން ތައްޔާރީތައް ވަމުން އަންނަ އިރު، ދޮށީ ދަރި ކަރަން، 32، ބޮލީވުޑަށް ނެރުނީ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ސަނީގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 11 އަށް ތާވަލުކޮށްފައި އޮތް "ގަދަރު 2" އެވެ.