Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއްޖެ ބަނގުރޫޓެއް ނުވޭ: އަމީރު

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރާއްޖެ ބަނގުރޫޓު ވެއްޖެކަމަށް އިއުލާނު ކުރުމަށް ބަހުސް ހިނގާކަމަށްބުނެ އެކަމާ ގުޅޭގޮތުން މިނިސްޓަރު ދެކޭގޮތަކާ މެދު ސުވާލު ކޮށްފައެވެ. ޝިފާއު މިފަދައިން ސުވާލު ކުރެއްވި ނަމަވެސް، މަޖިލީހުގައި ކުރިއަށްދާ ބަހުސަކީ ރާއްޖޭގެ ދަރަނި ރިސްޓްރަކްޗަރ ކުރުމަށް މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރާތީ އެކަމަށް އަމަލުކުރުމަށް ގޮވާލާ ކުރިއަށްދާ ބަހުސެއްކަން ފާހަގަކުރެވެއެވެ.

ޝިފާއުގެ މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަނގުރޫޓު ވެއްޖެކަމަށް އިއުލާނު ކުރަންޖެހޭނީ ބަނގުރޫޓޫވުމުން ކަމަށާއި ރާއްޖެ ބަނގުރޫޓު ނުވާކަމަށެވެ.

"ރާއްޖެ ބަނގުރޫޓެއް ނުވޭ އިރާދަކުރެއްވިއްޔާ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ޕްލޭނާ އެއްގޮތަށް ބަޖެޓް ތަންފީޒު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގެ ރިޒާވުގައި އެކަށީގެންވާވަރަށް ބޭރުފައިސާ ނެތުމާއި ދަރަނީގެ ގޮތުގައި ބޮޑު އަދަދުތައް ދައްކަންޖެހޭތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުން ފާޅުކުރެއެވެ. ހާއްސަ ސަރުކާރަށް ފާޑުކިޔާ މެންބަރުން މަޖިލީހުގައި މިކަންކަން ފާހަގަކުރެއެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ގޮވާލާ މަޖިލީހުން ގަރާރެއްވެސް ފާސްކޮށްފައިވަނީ ދަރަނީގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދައްކަންޖެހޭތީއެވެ. އެހެންނަމަވެސް ސަރުކާރުން މިގަރާރާ އެއްގޮތަށް އަމަލު ނުކުރާކަމަށް މަޖިލީހުގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ.