Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

ކްރޫޒް ޝިޕެއްގައި އުޅެލަން 30،000 ޑޮލަރު

އަހަރު ދުވަސް އެއްކޮށް ކްރޫޒް ޝިޕެއްގައި ހޭދަކޮށްލަން ޝައުގުވެރިވާ ނަމަ މިއޮތީ އެކަހަލަ ފުރުސަތެކެވެ. އެކަމަކު މިކަން ވާނީ ފައިސާ ހުރިއްޔާ އެވެ. ބޮލަކަށް އެކަނި ވެސް 30،000 ޑޮލަރު ބޭނުންވެ އެވެ. އެހެންވީމާ މިއީ އާދައިގެ މީހަކު އަތްފޯރާ ވަރުގެ ކަމަކަށް ނުވާނެ އެވެ.

އެކަމަކު ފައިސާ ހުރި ތަނަވަސް އަދި ދަތުރުކުރަން ލޯބިކުރާ މީހަކަށް މިއީ ހަމަ އެންމެ ރަނގަޅު ކަމަކަށް ވެދާނެ އެވެ.

ތިރީސް ހާސް ޑޮލަރަށް 365 ދުވަސް ކްރޫޒް ޝިޕެއްގައި ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވައިލީ ކްރޫޒް ލައިނާތައް އޮޕަރޭޓްކުރާ ކުންފުންޏެއް ކަމަށްވާ ލައިފް އެޓް ސީ ކްރޫޒެސްއިންނެވެ. މި އަހަރު ނޮވެމްބަރު މަހުގެ 1 ގައި އިސްތަންބޫލުން ފަށާ ދަތުރުގެ ބުކިންސް އަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ވަޒީފާ އަދާކުރާ މީހުންނަށް އެ މީހުންގެ މަސައްކަތްތައް ކްރޫޒް ޝިޕްގައި ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދޭނެ އެވެ.

މި ދަތުރު ކުރާނީ ލައިފް އެޓް ސީ ކްރޫޒެސްގެ ދަށުން ހިންގަމުން އަންނަ މިރޭ ކްރޫޒެސްގެ 400 ކެބިންގެ އެމްވީ ޖެމިނީގަ އެވެ. މިއީ 1،074 މީހުންގެ ޖާގައިގެ އެއްޗެކެވެ.

ނޮވެމްބަރު 1 ގައި މި ދަތުރަށް ފަށާ އިރު، ދަތުރު ކުރިއަށް ގެންދަން ނިންމާފައި އޮތީ ތިން އަހަރަށް ދެމިގެންދާ ގޮތަށެވެ. އޭރުން ތިން އަހަރަށް ފައިސާ ދައްކަން ޖެހޭނެ އެވެ. އެ ގޮތަށް ދަތުރުކުރަން ބޭނުން ނަމަ ތިން އަހަރުގެ ތެރޭގައި އެމްވީ ޖެމިނީގައި ދުނިޔޭގެ ހަތް ބައްރަށް ދަތުރުކުރެވި މަދުވެގެން 135 ގައުމަކަށް ދެވޭނެ އެވެ.

އަދި މި ދަތުރުގެ ތެރޭގައި އަހަރު ދުވަހުގެ ތެރޭގައި އަންނަ ހާއްސަ ދުވަސްތައް ވެސް އެ ވަގުތަކު އެމްވީ ޖެމިނީ އޮންނަ ސަރަހައްދެއްގައި ފާހަގަކުރުން ވެސް ކުރިއަށް ދާނެ އެވެ. އެހެންވެ މި ދަތުރު ވާނީ ދަތުރުކުރަން ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ ކަމަކަށެވެ.

މި ދަތުރާ ގުޅޭ މައުލޫމާތު މި ލިންކުން www.lifeatseacruises.com ލިބޭނެ އެވެ.