ރައްޔިތުންގެ މަޖިލީހުގައި ވެންޓިލޭޓަރު މައްސަލައިގައި މެންބަރުން ތަކުރާރުކޮށް ސުވާލު ކުރުމުން އެކަމަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސިފަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަމީރު ހާޒިރުކުރީ ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބުދާރީވުމަށެވެ. އެ ސުވާލު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ ވެންޓިލޭޓަރު މައްސަލައިގައި ތަކުރާރުކޮށް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. އެގޮތުން މެންބަރުން ސުވާލު ކުރަމުންދިޔައިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވަނީ ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަންގައި އޮތުމުން އެ ސުވާލަށް ޖަވާބު ދެއްވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. އެ ސުވާލު ތަކުރާރުކޮށް ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެވޭނީ ބަންޑާރަނައިބުގެ ލަފާފުޅެއް ލިބިގެން ކަމަށެވެ. މިނިސްޓަރު އަމީރުގެ މި ޖަވާބާ ގުޅިގެން ބައެއް މެންބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބަންޑާރަނައިބުގެ ލަފައެއް ހޯދުމަށްފަހު ޖަވާބު ދޭން މިނިސްޓަރު ވިދާޅުވުމުން އެކަން މަޖިލީހުގެ ތަޅުުގައި ތަކުރާރު ވެދާނެކަމަށް ބުނެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިސްޓަރު އަމީރު ޖަވާބު ދެއްވުމަށް ދެކޮޅު ހެއްދެވީ، ވެންޓިލޭޓަރު ގެނައުމުގެ އެޑްވާންސް ފައިސާ ދޫކުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ސުވާލު ކުރުމުންނެވެ.
އާބިޓްރޭޝަންގައި މައްސަލަ އޮތުމުން ޖަވާބު ދެއްވުމަށް މިނިސްޓަރު އަމީރު ދެކޮޅު ހެއްދެވުމުން އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާބިޓްރޭޝަނަކީ ޝަރުއީ ކޯޓެއް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. ބަންޑާރަނައިބުގެ ލަފާއަށްފަހު ޖަވާބު ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވުމުން އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ އުސޫލު މަޖިލީހުންވެސް އަދި ރިޔާސަތުންވެސް ބަލައިނުގަންނާނެ ކަމަށެވެ.
މީގެއިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްވަނީ ވެންޓިލޭޓަރު މައްސަލައިގެ އެޑްވާންސް ފައިސާ ދޫކުރީ ލިޔުމުން ހުއްދަ ދެއްވައިގެންތޯ މިނިސްޓަރު އަމީރާ ސުވާލު ކުރައްވާފައެވެ. އެ ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވަނީ މަޖިލީހުގެ މެންބަރު ކުރައްވާ ސުވާލުތަކަކީ ސިޔާސީ ހަރަކާތެއްކަމަށް ވިދާޅުވެފައެވެ.
"މާލިއްޔަތު ކޮމިޓީން ވަރަށް އެކްސްޓެންސިވްކޮށް މި ޑިސްކަޝަން (ވެންޓިލޭޓަރު މައްސަލަ) އަޅުގަނޑާ އެއްކޮށް ކުރިއަށްގެންދެވުނު. ދެން މިއަދު އަޅުގަނޑު ދެކޭގޮތުގައި މި ގެންދެވެނީ ހަމަ ސިޔާސީ ގޮތުން ގެންދެވޭ ބޮޑު ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މި ޖަވާބާ މެދު ހިތްހަމަ ނުޖެހި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުން ކުރިއަށްދަނީ މަޖިލީހުގެ ގަވައިދާއި ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މައްސަލައެއްގައި ސުވާލު ކުރުމަށް މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރުމުން އިތުރު ސުވާލު ކުރުމަށް ލިބޭ ފުރުސަތުގައި މެންބަރުން ސުވާލު ކުރައްވަންވާނީ، މިނިސްޓަރު ހާޒިރުކުރެވޭ ސުވާލާ ގުޅުވައިގެން ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް އެހެން ދާއިރާތަކުންވެސް މިނިސްޓަރުންނާ މެންބަރުން ސުވާލުކޮށް ހައްދަވައެވެ.