Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ހަންކެޑެ މަޝްރޫއު މި މަހު ފަށަނީ

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ އައްޑޫ ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަން އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހަންކެޑެ މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ މިހާރު އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން މި މަހު މޮބިލައިޒޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމަށް ހާއްސަކޮށްގެން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުން މިހާރު އަންނަނީ އިތުރު ބްރިޖެއް އަޅައި މަރަދޫގެ ބޮޑު މަގާ ދިމާލުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ އެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ވެސް އޮތީ ނިމިފަ އެވެ.

ހަންކެޑެ ތަރައްގީ ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ) އިންނެވެ. އެގޮތުން އެތަނުގައި 1،041 ކޮޓަރު ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ. އެމްއެފްއެމްސީން ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ހަންކެޑެ ތަރައްގީކޮށް ނިމޭ އިރު އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އާންމުކޮށްފަ އެވެ.

ހަންކެޑެއާ އެކީ މިހާރުގެ ސަރުކާރުގެ ޓާގެޓަކީ އައްޑޫގެ ޓޫރިޒަމް އެނދު 6،000 އަށް އިތުރުކުރުމެވެ.

ލިންކް ރޯޑުން މަރަދުއާން ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގަ އެވެ.