ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ހައިކޯޓަށް އައްޔަނު ކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން މިފަދައިން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްގެންދެވި ގާޒީ ޝަކީލް ހައިކޯޓަށް އައްޔަނު ކުރުމާ ގުޅިގެން އެކަމުގައި ނުރުހުން ފާޅުކޮށް ޕީޕީއެމުން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޕީޕީއެމުން ބުނެފައިވަނީ ކުރީގެ ރައިސް ޔާމީނަށް ހުކުމްކުރި ގާޒީ ހައިކޯޓަށް އައްޔަނު ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި އެކަން އެގޮތަށް ކުރުމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށެވެ.
ޕީޕީއެމުން މިކަން ސިފަކޮށްފައިވަނީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައެވެ.
"ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އސްތިއުނާފު ކޮށްފައިވަނިކޮށް، ދަށު ކޯޓުން ހުކުމް ޖެހި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައިވެސް ގަބޫލުކުރެވެއެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޔާމީންގެ މައްސަލަ ހިނގަމުން ނުދާތީވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.